ކުޅިވަރު

ވިކްޓަރީގައި ސުޒޭން ދެމިހުރުމާ ނުހުރުން ސުވާލު އުފެދިއްޖެ

Jul 15, 2017
1

ވިކްޓަރީ ސްޕޯޓްސް ކުލަބަށް ކުރިމަތިވެފައިވާ ހާލަތު ރަނގަޅު ކުރުމަށް މިހާރު މެނޭޖްމެންޓުން މަސައްކަތް ނުކުރާތީ، މިހާލަތުގައި ވިކްޓަރީގައި ހުރުމާ ނުހުރުން ނިންމަންޖެހޭ ވަގުތު ކައިރިވެއްޖެ ކަމަށް، އެ ޓީމުގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ސުޒޭން މީގެ ކުރިން ބުނެފައި ވަނީ، ވިކްޓަރީގެ ހަލަތު ރަނގަޅު ވަމުން އަންނަ ކަމަށެވެ. ނަމަވެސް، މިހާރު އޭނާގެ ބަސް ތަފާތު ވެއްޖެ އެވެ. މިރޭ ވެލެންސިއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ވާހަކަ ދައްކަމުން އޭނާ ބުނީ، ހާލަތުގެ ވާހަކަ ވާވަރަށް ދެކެވިއްޖެ ކަމަށާއި އެކަމަށް މާބޮޑު ހައްލެ ނުލިބުނު ކަމަށެވެ. އެހެންވެ މިރޭގެ މެޗުން މޮޅުވާ ވާހަކަ ދެއްކުން މާ ރަނގަޅުވާނެ ކަމަށެވެ.

ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށް މީގެ ކުރިން ވާހަކަ ދެއްކުމަށް ފަހު މިހާރު ހައްލެއް ނާންނަ ކަމަށް ބުނުމުގެ ސަބަބަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ބުނީ މިހެންނެވެ.

"ބައެއް ފަހަރު އަޅުގަނޑުމެން އުންމީދު ކުރަން، ވަރަށް ކަޅު ވިލާގަނޑެއް ނެގީމަ އެއުޅެނީ ވިއްސާރަ ވެހި ފެން ލިބެން ކަމަށް، އެކަމަކު ވައި ހުންނަ ގޮތާއި އެކަންކަން ދިމާވާ ގޮތުން ވިލާގަނޑު ނުވެހިވެސް ހިނގައިދާނެ އެހެންވީމަ އެކަހަލަ ކަމެއް ގޮތަށް އެކަން ވެދިޔައީ." ސުޒޭން ބުންޏެވެ.

އޭނާ ބުނީ، ކުރިން ދެއްކީ، ވިކްޓަރީގައި މުސާރައިގެ މައްސަލަތައް އުޅޭ ވާހަކަ ކަމަށާއި އެއަށް ވުރެ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ. "..މާބޮޑެތި އިޝިއުސް އެބަހުރި އެހެންވީމަ އެކަހަލަ ވާހަކަ ދައްކަން އުޅެއްޖެއްޔާމު މިކަހަލަ ޕްރެސްއެއްގައި ވަރަށް ޓައިމް ނަގާނެ."

ވިކްޓަރީ ޕްރިމިއާ ލީގަށް ކޮލިފައި ވިޔަސް، މިހާރު ހާލަތު ރަނގަޅު ނުވާކަމަށް ވަންޏާ އެ ޓީމުގައި އޭނާ ހުންނަން ބޭނުން ނުވާކަމަށް ސުޒޭން ބުންޏެވެ.

""ކަންތައްތައް ރަނގަޅު ނުކުރެވޭ ކަމަށް ވަންޏާމުން އަޅުގަނޑަކީ ރާއްޖޭގެ ފުޓްބޯޅައިގައި ދެން ކުޅޭކުޅޭ މީހަކަށް ވެގެން ހުންނާކަށް ބޭނުމެއް ނޫން، ކޮންމެ ދުވަހަކު ކުޅުންތެރިނާ ފޭސް ކުރާއިރު، އެ މީހުން، ހެސްކިޔާފަ ބައިވަރު ފްރަސްޓްރޭޝަންއާ އެއްކޮށް އެމީހުންގެ ޓްރެއިނިންތައް އެހުރިހާ އެއްޗެއް އެގޮތަށް ގެންދިއުމަކީ އެހާ ފަސޭހަ ކަމެއް ނޫން އެހެންވީމަ އެގޮތަކަށް އެކަމެއް ނުކުރެވޭނެ،" އޭނާ ބުންޏެވެ. "އަދި ކޮލިފައިވުން އެއީކީ އަޅުގަނޑު ވިކްޓަރީގައި އެލިގަނެގެން އޮންނާނެ ސަބަބެއް ނޫން، މިހާލަތު ބަދަލު ނުކުރެވެންޏާ ވިކްޓަރީ ޕްރިމިއާ ލީގަށް ދިޔަސް އަޅުގަނޑު ވިސްނަން ޖެހޭ ހާލަތައް ގޮސްފައި އެއޮތީ، މިހާރު މި އޮތީ ހާލަތުގައި."

ހާލަތު މިހާރު އޮތް ދަރަޖާގައި އޮވެ، ކަންކަން އެވަރަށް ހޭންޑްލު ކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތް ކަމަށް ސުޒޭން ބުންޏެވެ.

"މީގައި އެންމެ އުނދަގޫ ވާނީ އަތޮޅުތަކުން އައިސްތިބި ކުދިންނަށް، އަޅުގަނޑު ކަމެއް ނުކޮށް ދިނަސް އެކުދިންގެ ކަންކަން ހަމަ ނުޖެހި ހުރެއްޖެއްޔާ އެވާނެ ވަރަށް ބޮޑު މައްސަލައަކަށް އެކަހަލަ ކަންކަން އެއީ ވަރަށް އުނދަގޫ އެއްޗެއް، މިހާރު އަނެއްކާ އަޅުގަނޑުގެ އުމުރުން 50 އަހަރަށް ދާއިރު އެކަހަލަ ޕްރެޝާ ނަގައިގެން އުޅެން ޖެހޭ ބާއޭއޭ އެއީވެސް ސުވާލެއް." ސުޒޭން 48 ބުންޏެވެ.