ހަބަރު

އައްޑޫ ހޮސްޕިޓަލްގެ މަޝްރޫއު ފަށައިފި

އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި އަޅާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީ ހޮސްޕިޓަލް ޕްރޮޖެކްޓްގެ މަސައްކަތް ފެށިގެން ބާރު ސުޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އަދި ޓްވީޓްގައި އެތަނުގެ މަސައްކަތް ގޮސްފައިވާ ހިސާބު ދައްކައިދޭ ފޮޓޯތަކެއް ވެސް މިނިސްޓަރު ވަނީ ހިމަނާފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެލިއާ ކޮންސްޓްރަކްޝަނާ އެވެ.

18 މަސްދުވަހުން އެ މަސައްކަތް ނިންމަން އެލިއާ އާ 161.8 މިލިއަން ރުފިޔާއަށް ހަވާލުކުރީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ސަރުކާރުން އެކަމަށް ފައިސާ ހޯދާފައި ވަނީ ސައުދީ ފަންޑާއި އޯޕެކް ފަންޑުންގެ އެހީގައެވެ. މީގެ ކުރިން އެތަނުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވަނީ މިއަހަރު ޖެނުއަރީ މަހު އެވެ. ނަމަވެސް އެތަނުގެ މަސައްކަތް ފެށުން ލަސްވެފައިވަނީ ކޮން ސަބަބަކާހެދި ކަމެއް ސާފެއް ނުވެއެވެ.

ކުރީގެ ރައީސް ނަޝީދު ސަރުކާރުގައި ސާކް ސަމިޓު ބާއްވަން އެޅި އީސީސީގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް މި ސަރުކާރުން ފެށި މި މަޝްރޫއުގެ ތެރޭގައި އެތަނުގައި ހާމައަށް ހުންނަ ދެވަނަ ބުރި ބަދަލުކޮށް، މުޅި ކޮންވެންޝަން ހޯލް ދެ ބުރީގެ އިމާރާތަކަށް ހެދުން ހިމެނެ އެވެ. އޭގެ އިތުރުން މިހާރު ހުރި ހުރިހާ ކޮޓަރިއެއް ހޮސްޕިޓަލެއްގައި ހުންނާނެ ފަދަ ކޮޓަރިތަކަށް ބަދަލުކޮށް، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނެއްގައި ހުންނާނެ އިންޓީރިއަކަށް ބަދަލު ކުރާނެ އެެވެ.