މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަލަތު ދަރިފުޅު ލިބުނު ފަހުން ބަތަލާ ކަރީނާ ކަޕޫރާއި އޭނާގެ ދަރިފުޅު ތައިމުރު އަލީ ޚާން އަކީ ޕަޕަރާޒީންގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓެމުން އަންނަ ދެ ފަރާތެވެ.
ހަ މަހުގެ ތުއްތު ތައިމުރުގެ ހުރިހާ ހަރަކާތަކަށް ފާރައިލައިގެން ބޮލީވުޑްގެ ނޫސްވެރިން ތިބޭއިރު، މަންމަ ކަރީނާ އެކޭ އެއްވަރަށް ތައިމުރު ވެސްް މިހާރު އެހާ މަޝްހޫރެވެ.
ވިހޭތާ ހަ މަސް ދުވަސްވީއިރު ކަރީނާ ވަނީ ބަނޑުބޮޑުވެގެން ގައިގެ ޖެހި މަސްތައް ވިރުވާލަން އަންނަނީ ބުރަ މަސައްކަތް ކުރަމުންނެވެ. ކުޑަ ދުވަސްްކޮޅެއްގެ ތެރޭގައި އޭނާ ވަނީ ބަރުދަން ލުއިކޮށް ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ.
ކަރީނާ ވިހޭފަހުން ބައިވެރިވާ ކޮންމެ ހަފްލާއެއްގައި ވެސް ދަރިފުޅު ތައިމޫރް އަދި އޭނާގެ ބަނޑުބޮޑުވި ދުވަސްވަރުގެ ވާހަކަތައް ހިއްސާކުރާނީ ނުހަނު ފަހުރުވެރިކަމާ އެކު އެވެ. ކަރީނާ ވަނީ ކައިވެނިކޮށްގެން ކުއްޖަކު ލިބޭފަހުން ބަތަލާއިންގެ ފިލްމީ ކެރިއަރު ނިމޭނެ ކަމަށް ބައެއް ފަރާތްތަކުން ދެކެމުން އަންނާތީ އެކަން، ބަނޑުބޮޑުއިރު ވަރަށް ހަރަކާތްތެރިކޮށް އުޅުމަށްފަހު ބަދަލުކޮށްލާފަ އެވެ.
ދަރިފުޅަށް ބަލިވެއިންްނަ މައިންނަށް ހާއްސަކޮށްގެން ނެރުނު ފޮތެއް ލޯންޗްކުރުމަށް އިއްޔެ ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ކަރީނާ ވަނީ އިތުރު ކުއްޖަކު ހޯދަން އޭނާ ބޭނުންނުވާ ކަމަށް ބުނެފަ އެވެ.
ކަރީނާ ވަނީ އޭނާ ތައިމޫރަށް ބަލިވެއިން އިރު ގިނަބައެއްގެ ފަރާތުން ލިބުނު ލޯތްބާއި އެއްބާރުލުމުގެ ސަބަބުން މާބަނޑ ދުވަސްވަރު ކުރިއަށް ދިޔައީ ވަރަށް ފަސޭހަކޮށް ކަމަަށާއި އެފަދަ ކަމަކާ ދެވަނަ ފަހަރަށް ކުރިމަތިލާން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.
ކަރީނާގެ މި ވާހަކަތަކުން ދެވަނަ ކުއްޖަކު ހޯދަން އޭނާ ބޭނުންނުވާކަން އެނިގެން ގޮސްފި އެވެ. މި ހަފްލާގައި ވެސް ކަރީނާ މުޅިން ވެސް ވާހަކދައްކާފައިވަނީ ދަރިފުޅު ތައިމޫރު ކުރާ ލޯބި ކަންތައްތަކުގެ ވާހަކަ އެވެ.
ބަނޑުބޮޑުވެ އަދި ވިހޭފަހުން ކަރީނާ ކުޅޭ ފުރަތަމަ ފިލްމު "ވީރޭ ދި ވެޑިން" ގެ ޝޫޓިން އަންނަ މަހުގައި ފަށާނެ އެވެ. އެ ފިލްމުގައި ކަރީނާ އާއެކު މުހިންމު ރޯލުތަކުން ސޯނަމް ކަޕޫރު، ސްވަރާ ބާސްކަރް އަދި ޝިކާ ޓަލްސާނިއާ ފެނިގެންދާނެ އެވެ.
ކަރީނާގެ ފިރިމީހާ އެކްޓަރު ސައިފް އަލީ ޚާން ކުރީގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. އޭގެ ތެރެއިން ދޮށީ ދަރިފުޅު ސާރާ އަލީ ޚާން އަންނަނީ ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުންނެވެ.