ހަބަރު

މިނިވަން ދުވަހުގެ ރަސްމީ ހަފްލާ 27 ވަނަ ދުވަހުގެ ރޭ

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެ ކަނބަލުން ބާއްވާ ހާއްސަ ބައްދަލުވުން މިމަހު 27 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އެ ބައްދަލުވުން އޮންނާނީ ދަރުބާރު ގޭގަ އެވެ. ކޮންމެ އަހަރެއްގެ މިނިވަން ދުވަހު ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ރަސްމީ ބައްދަލު ކުރެއްވުން ބާއްވަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކާއި ރައީސްގެ ދެކަނބަލުން ސަލާމް ކުރައްވައި ދުވަހުގެ ތަހުނިޔާ ދަންނަވާނެ އެވެ.

މިދިޔަ އަހަރުގެ އެ ބައްދަލުވުމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ބޭރުގެ އެކި ގައުމުތަކުގެ ސަފީރުންނާއި މިނިސްޓަރުން އަދި އެކި މުއައްސަސާތަކުގެ އިސްވެރިން އަދި ގިނަ ދުވަހު ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅުން ބައިވެރިވި އެވެ. އަދި އެކި ފަންނުތަކުން ފާހަގަ ކޮށްލެވޭ ފަންނާނުންނާއި އެހެން ވެސް ބައެއް ޒުވާނުން އެ ހަފްލާގައި ބައިވެރިވި އެވެ.

މިނިވަން ދުވަސް ފާހަގަކުރަން މިދިޔަ އަހަރުވެސް ވަނީ ގިނަ ހަރަކާތްތަކެއް ބާއްވާފަ އެވެ. އެގޮތުން ޕެރޭޑާއި، ފުޅަނދުބުރު އަދި ހެވިކަމުގެ ކުޅިވަރުތައް ހިމެނެ އެވެ. އަދި ފަންނާނުންގެ ހާއްސަ މިއުޒިކީ އީދެއްވެސް ވަނީ ބާއްވާފަ އެވެ.