ބޮލީވުޑް

"ޓިއުބްލައިޓް" ނާކާމިޔާބު ވުމުން ކަބީރް ދެރަވެފައި

Jul 17, 2017

ސުޕަސްޓާ ސަލްމާން ޚާން ލީޑްރޯލުން ފެނިގެންދިޔަ ކަބީރް ޚާން ޑައިރެކްޓްކުރި ދެ ފިލްމު، "އޭކް ތަ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" އަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފަ އެވެ.

ފިތުރު އީދާ ދިމާކޮށް މީގެކުރިން ރިލީޒްކޮށްފައިވާ މި ދެ ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ އާއެކު ކަބީރް ޑައިރެކްޓްކުރި އިތުރު ފިލްމެއް ސަލްމާން ވަނީ ކުޅެފަ އެވެ. ސަލްމާންގެ ޕްރޮޑަކްޝަން ކުންފުނިން އުފެއްދި ފިލްމު، "ޓިއުބްލައިޓް" މިދިޔަ މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރި ނަމަވެސް ފިލްމަށް ލިބިފައިވަނީ ނާކާމިޔާބުވާ ވަރުގެ ދަށް ތަރުހީބެކެވެ.

އެހެން ގޮތަކަށް ބުނަނީނަމަ މިއީ މިފަހުގެ ތަރީހެއްގައި ސަލްމާންގެ ރިލީޒްވި އެންމެ ނާކާމިޔާބު ފިލްމެވެ. ފިތުރު އީދާ ދިމާކޮށް ފިލްމު ރިލީޒްކޮށްގެން މީގެކުރިން ބޮޑު ކާމިޔާބީއެއް ހޯދި ނަމަވެސް "ޓިއުބްލައިޓް" އަށް ލިބުނު ނަތީޖާއިން ކަބީރާއި ސަލްމާނަށް ލިބުނީ ބޮޑު މާޔޫސްކަމެކެވެ.

އިންޑޯ-ޗައިނޯ ބޯޑަރާ ގުޅިގެން ކުރިއަށް ދިޔަ ހަނގުރާމައިގެ އަސްލަކަށް ބަލައިގެން ދެ ބެއިންގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުން ދައްކުވައިދޭ "ޓިއުބްލައިޓް" ނާކާމިޔާބުވުމާ ގުޅިގެން ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަދައްކަމުން ކަބީރް ވަނީ އެ ފިލްމު ނާކާމިޔާބުވުމުން އެކަމާ ވަރަށް ދެރަވާ ކަމަށް ބުނެފަ އެވެ.

ކަބީރް ވަނީ ކޮންމެ ފިލްމެއް ވެސް އުފައްދަނީ ވަރަށް ފަރުވާތެރިވެ ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ކަމަށްވާތީ، އުުންމީދުކުރާ ވަރުގެ ރަނގަޅު ތަރުހީބެއް ނުލިބުުމަކީ އިންތިހާ އަށް ދެރަވާ ކަމެއް ކަމަށެވެ.

"އަހަރެން އުފައްދާ ކޮންމެ ފިލްމެއްގެ ވިޔަފާރި "ބަޖްރަންގީ ބައިޖާން" ވަރަށް ކާމޔާބު ނުވެދާނެ، ކޮންމެ ފިލްމަކާ އެ ފިލްމުގެ ވިޔަފާރިއާ އަޅާކިޔުމަކީ އިންސާފެއް ނޫން. "ޓިއުބްލައިޓް" ފްލޮޕްވުމުން ދެރަވިޔަސް އެ ފިލްމާ ދޭތެރޭ އަހަރެން ފަހުރުވެރިވޭ. ހާއްސަކޮށް ސަލްމާންގެ ރޯލާ މެދު ވަރަށް އުފާވޭ،" ކަބީރް ބުނެފައިވެ އެވެ.

ކަބީރް އިތުރަށް ވަނީ އޭނާގެ ފިލްްމު ކާމިޔާބު ނުވީ ކޮން ސަބަބަކާ ހުރެކަން ބުނަން އަދި މާ އަވަސް ކަމަށާއި އޭނާ އަށް ލަފާކުރެވޭ ގޮތުގައި ސަލްމާން އެ ފިލްމުގައި ކުޅެފައިވާ ކެރެކްޓާ ބެލުންތެރިންނަށް ނަގައިގަންނަން އުނދަގޫވެފައިވާ ކަމަށެވެ.

މި ފިލްމު ނާކާމިޔާބުވުމުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ބަޔަކީ ފިލްމުގެ ޑިސްޓްރިބިއުޓަރުންނެވެ. އެގޮތުން ގެއްލުންވީ ޑިސްޓްރިބިއުޓަރުންނަށް ބަދަލު ދޭން ސަލްމާން ވަނީ އެއްބަސްވެފަ އެވެ.

"ޓިއުބްލައިޓް" އަކީ ކަބީރް ޑައިރެކްޓްކުރި ފިލްމެއްގައި ސަލްމާން ފެނިގެން ދިޔަ ތިން ފިިލްމެވެ.

މި ފިލްމުގެ ނާކާމިޔާބީ އަށް ފަހު ސަލްމާން ދެން ކަބީރް އުފައްދާ ފިލެމެއް ނުކުޅޭނެ ކަމުގެ އަޑުތައް ވެސް ވަނީ އަރާފަ އެވެ.