ހަބަރު

ތައުލީމީ މައުލޫމާތު އެކުލެވޭ ޑޭޓާބޭސް، މީމިސް އިފްތިތާހުކޮށްފި

ތައުލީމާބެހޭ މައުލޫމާތު އެކުލެވޭ ޑޭޓާބޭސް ނުވަތަ މޯލްޑިވްސް އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމިސް) އިފްތިތާހުކޮށްފި އެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޑޭޓާބޭސް އިފްތިތާހުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އާއި ޔުނިސެފް ރީޖަނަލް ޑައިރެކްޓަރު ޑރ. ޖީން ގޯފް އެވެ. އެ ޑޭޓާބޭސް އަކީ ތައުލީމީ ދާއިރާގެ އެންމެހާ މައުލޫމާތު އިންޓަނެޓްގެ ޒަރިއްޔާއިން ބުލުމަށް ގާއިމް ކުރެވުނު ނިޒާމެކެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިއަދު މި ތައާރަފް ކުރެވުނު މީމިސް އަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގިލާބު ގެނެސްދޭނެ ކަމެއް ކަމަށާއި މީމިސްގެ ސަބަބުން ތައުލީމީ ދާއިރާ ބިނާކުރުވަނިވި މުހިންމު ޕްލޭންތަކާއި ޑިސިޝަންތައް ނެގުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މީމިސް ބޭނުންކޮށް ކުރިއަށް އޮތްތަނުގައި މިނިސްޓްރީއަށް ރަނގަޅު ހަރުދަނާ ޕްލޭނެއްގެ ދަށުން ކަންކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ސުކޫލުތަކަށް ބޭނުންވާ ސާމާނާއި އެކިއެކި އެހީތައް ދެނެގަނެވި ފިޔަވަޅު އެޅުމުގައި ފަސޭހަވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ސުކޫލްތަކުގެ ކަންކަން ބަލަހައްޓައި އުޅެނީ މެނުއަލް ކޮށް ކަމުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވި ކަމަށާއި އެކަމަކީ ޒަމާނީ ފެންވަރުގެ ސުކޫލުތަކަށް ބަލާނަމަ މާ ކުރީގެ އުސޫލުތަކެއް ކަމަށެވެ. އަދި ދުނިޔެ ތަހުޒީބުވަމުންދާައިރު ތައުލީމީ ދާއިރަވެސް އިތުރަށް ކުރި އަރުވަން ޖެހޭނެ ކަމަށާއި އެގޮތުން އެއްވެސް ކުުއްޖަކު ބާކީ ނުކޮށް ތައުލީމު ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓަކީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަންވަން ފެއްޓެވި މަސައްކަތެއް ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީމިސްގެ ސަބަބުން ވަރަށް ބޮޑު ފަސޭހަތަކެއް ބެގެންދާނެ. މީގެ ސަބަބުން ކުދިން ސުކޫލަށް ހާޒިރުވާ ދުވަހުގެ އަދަދާއި އެކުދިން އަންނަ ގަޑިތަކުގެ އިތުރުން ތައުލީމީ ދާއިރާއިން އެކުދިން ހާސިލް ކޮށްފައިވާ ގްރޭޑްތަކާއި ކާމިޔާބީތައް އުމުރުން 18 އަހަރު ވަންދެއް މޮނީޓާ ކުރެވިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ. "މީމިސް ބޭނުންކޮށް ކުރިއަށް އޮތްތަނުގައި މިނިސްޓްރީއަށް ރަނގަޅު ހަރުދަނާ ޕްލޭނެއްގެ ދަށުން ކަންކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ. ސުކޫލުތަކަށް ބޭނުންވާ ސާމާނާއި އެކިއެކި އެހީތައް ދެނެގަނެވި ފިޔަވަޅު އެޅުމުގައި ފަސޭހަވެގެންދާނެ."

މީމިސް މެދުވެރިކޮށް ސްކޫލުތަކާއި ދަރިވަރުންނާއި އަދި މުއައްޒަފުންގެ މައުލޫމާތު އެއްކޮށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބަލާލުމުގެ ފުރުސަތު އެޑިޔުކޭޝަން މިނިސްޓްރީއަށާއި ސުކޫލުތަކާއި މުދައްރިސުންނާއި ބެލެނިވެރިންގެ އިތުރުން ދަރިވަރުންނަށްވެސް ލިބިގެންދާނެ އެވެ. މި ނިޒާމުގެ ދަށުން ދަރިވަރުން ސުކޫލަށް ހާޒިރީ ބެލުމާއި ދަރިވަރުން ކިޔެވުމާއި ސިއްހަތުގެ މައުލޫމާތުވެސް ބެލެން ހުންނާނެ އެވެ.