ބޮލީވުޑް

ސުޝާންތްގެ އާ ފިލްމަށް އަދިވެސް ބަތަލާއަކު ނުލިބޭ

Jul 18, 2017
1

"އެމް އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ގައި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މަހެންދްރަ ސިންގް ދޯނީގެ ރޯލު ކުޅެގެން ވިދާލާފައިވާ ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތަށް ވަނީ ގިނަ ފިލްމުތަކަކުން ފުރުސަތު ލިބިފަ އެވެ.

ސުޝާންތް ދެން އެންމެ އަވަހަށް ޝޫޓިން ފަށާ ފިލްމަކީ ސްޕޭސް ޑްރާމާއެއް ކަމަށްވާ "ޗަންދާ މަމާ ދޫރް ކޭ" އެވެ. މި ފިލްމަށް ތައްޔާރުވާން ސުޝާންތް ނާސާގައި ހާއްސަ ތަމްރީނުތަކެއް ނަގަން ފަށާނެ އެވެ.

ސަންޖޭ ޕުރަން ސިންގް ޗައުހާން ޑައިރެކްޓްކުރާ މި ފިލްމުގައި ސުޝާންތާ އެކު އެސްޓްރޮނޯޓުންގެ ރޯލުން ނަވާޒުއްދީން ސިއްދީގީ އާއި އާރް މާދަވަން ފެނިގެންދާނެ އެވެ.

މި މަހުގެ ފަހުކޮޅު މި ފިލްމުގެ ޝޫޓިން ފަށާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް ފިލްމުގައި ސުޝާންތާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއަކު އަދިވެސް ހަމަނުޖެހެ އެވެ.

މި ފިލްމުގެ ބަތަލާގެ ރޯލު އާ ތަރިންގެ ތެރެއިން ފާތިމާ ސަނާ ޝައިހް އާއި ނިދީ އަގަރްވާލަށް ހުށަހެޅި ނަމަވެސް އެ ދެތަރިން ވެސް ވަނީ އެ ރޯލު ނުކުޅެން ނިންމާފަ އެވެ.

ފާތިމާގެ ދެވަނަ ފިލްމު "ތަގްސް އޮފް ހިންދޮސްތާން" ގެ ޝޫޓިން ފެށިގެން ކުރިއަށް ދާތީ އާއި މި ފިލްމުގެ ބަތަލާގެ ރޯލަކީ މާ ބޮޑު ރޯލަކަށް ނުވާތީ ފާތިމާ އެ ރޯލު ދޫކޮށްލީ ކަމަށްވެ އެވެ. އަދި ނިދީ އަށް މި ފިލްމުގެ ބަތަލާގެ ރޯލު ހުށަހަޅުމުން އޭނާ އަށް ފިލްމުގެ ސްކްރިޕްޓް ކަމުދިޔަ ނަމަވެސް ފިލްމުގައި ބަތަލާގެ ރޯލު ކުޅެން އިސްތަށިގަނޑު ވަރަށް ކުރުކޮށް ކޮށާލަން ޖެހޭތީ ނިދީ ވަނީ މި ފިލްމަށް ނޫނެކޭ ބުނެފަ އެވެ.

ނިދީ ބައެއް ބްރޭންޑްތައް ޕްރޮމޯޓްކުރާތީ މި ވަގުތު އޭނާ އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފިނަމަ އެގްރިމެންޓާ ހިލާފުވާނެތީ އޭނާ ވަނީ ސުޝާންތުގެ ބަތަލާގެ ރޯލު ދޫކޮށްލާފަ އެވެ.

މީގެއިތުރުން ފާތިމާ ވެސް ފުރަތަމަ ފިލްމު "ދަންގާލް" އަށް އިސްތަށިގަނޑު ވަރަށް ކުރުކޮށް ކޮށާލާފައިވާތީ ދެވަނަ ފިލްމަކަށް އިސްތަށިގަނޑު އަލުން އެހާ ކުރުކުރާކަށް ބޭނުމެއްނުވެ އެވެ.

"ތަގްސް އޮފް ހިންދޮސްތާން" ގައި އޭނާ ކުޅެން ޖެހޭ ރޯލުގެ އިސްތަށިގަނޑު ދިގުކޮށް ބަހައްޓަން ޖެހޭތީ ފާތިމާ ބޭނުންކުރަނީ ވިގެކެވެ.