ހަބަރު

ފަލާހަށް ރިޝްވަތު ހުށަހެޅި މައްސަލަ އޭސީސީން ބަލަން ފަށައިފި

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހަށް އިދިކޮޅު ފަރާތްތަކުން ރިޝްވަތު ހުށަހެޅި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަމިއްލަ އިސްނެގުމުން ބަލަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

ލުތުފީ "އަވަސް" އަށް ވިދާޅުވީ ރިޝްވަތުގެ މައްސަލަތަކަކީ އެ ކޮމިޝަނުން ބަލަން ލާޒިމް މައްސަލަތަކެއް ކަމަށާއި އެގޮތުން މެންބަރު ފަލާހަށް އިދިކޮޅު ފަރާތްތަކުން ރިޝްވަތު ހުށަހެޅި މައްސަލަ އެ ކޮމިޝަނުން އަމިއްލަ އަށް އިސްނަގައިގެން ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެމައްސަލަ އިތުރަށް ސާފު ކުރުމުގެ ގޮތުން މެންބަރު ފަލާހާ ވަރަށް އަވަހަށް ސުވާލު ކުރާނެ ކަމަށްވެސް ލުތުފީ ވިދާޅުވި އެވެ.

"އެ މައްސަލަ ކޮމިޝަނުން މިހާރު ވަނީ ބަލަން ފަށާފައި. އެމައްސަލަ އިތުރަށް ތަހުގީގު ކުރަން އެމްޕީ ފަލާހާ އިތުރަށް ސުވާލުކުރާނަން." ލުތުފީ ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ ކޯލިޝަން ދެ ޕާޓީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލާހު ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދުމަށް ޕެޓިޝަންގައި ސޮއި ކުރުމަށް އިދިކޮޅު ފަރާތްތަކުން އޭނާއަށް 32 މިލިއަން ރުފިޔާ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ރިޝްވަތު ހުށަހެޅި ފަރާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ފަލާހު ވިދާޅުވީ އޭނާ އަށް ރިޝްވަތުދިން މައްސަލަ ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށާއި އެފަދަ މައްސަލައެއް ނުބަލާ ކަމަށް ބުނެފަ އެވެ. އަދި އޭސީސީއަށް ވެސް އެ މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް އޭސީސީން ވެސް ބުނެފައި ވެއެވެ.