- ދަރަނި ބޮޑުވުމުން ރިސްކްތައް ވަރަށް ވެސް ބޮޑު
- ބޭރު ފައިސާގެ ރިޒާވް އިތުރު ކުރަން ޖެހޭ
- ބޭރުގެ ދަރަނި ވަނީ ކުޑަކުރަން ޖެހިފައި
ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއު ތަކުގެ ސަބަބުން ދަރަނި އިތުރުވެ، އިގުތިސާދަށް ނޭދެވޭ އަސަރުތައް ކުރާ ކަަމަށާއި އެފަދަ އަސަރުތައް ކުޑަކުރުމަށް މަޝްރޫއުތައް ހަރުދަނާ ކަމާ އެކު ހިގަން ޖެހޭ ކަމަށް މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވަފުދުން ބުނެފިއެވެ.
އައިއެމްއެފްގެ އާޓިކަލް ހަތަރެއްގެ ދަށުން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ހޯދި ހޯދުންތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ( އެމްއެމްއޭ)ގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެވަފުދުގެ ވެރިޔާ ފިލިޕް ކަރަމް ވިިދާޅުވީ މަޝްރޫއުތަކުގެ ސަބަބުން އެތެރެ އާއި ބޭރުގެ ދަރަނި އިންތިހާއަށް ބޮޑު ވަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"... އުމްރާނީ ތަރައްގީއަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެކަމަށް ބެލެވޭ. ނަމަވެސް، މިކަންކަމުގެ ސަބަބުން ދަރަނި އިތުރުވެ، މެދުވެރިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން، މަޝްރޫއުތައް ހަރުދަނާކަމާއެކު ކުރިޔަށް ގެންދިޔުން މުހިއްމު." ކަރަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަންވީ ބޭރުގެ ދަރަނި ކުޑަކޮށް ބޭރު ފައިސާގެ ރިޒާވް އިތުރު ކުރަން ކަމަށެވެ. އެގޮތުން މާލީ ދާއިރާ ތަރައްގީކޮށް، ދިގު ރާސްތާގައި އުފެއްދުންތެރިކަން އިތުރުކުރަން ގެންނަން ޖެހޭ ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓް ޔޫއެސް ޑޮލަރަށް ހަނިކޮށްފައި އޮންނަ އޮތުން ރަނގަޅު ކަމަށާއި އެހެން ނަމެވެސް ކުރިމަގުގައި ރާއްޖޭގެ އެކްސްޗޭންޖް ރޭޓް ނިޒާމު އިމްޕޯޓް ވެއިޓެޑް ކަރަންސީ ކޮމްޕޮސިޓަކަށް ބަދަލުކުރަން ވިސްނަން ފެންނަ ކަމަށް ވެސް ކަރަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ރާއްޖެއަށް އޭޝިއާ ސަރަހައްދުން އަންނަ ޓޫރިސްޓުން އިތުރުވަމުންދާތީ އާއި މިސަރަހައްދުން ހޯދާ ފައިނޭންސް އިތުރު ވެއްޖެ ނަމަ އަޅަން ފެންނަ ފިޔަވަޅެއް ކަމަށެވެ.
ރާއްޖޭގެ އިގުތިސާދަށް ހުރި ރިސްކުތައް ކުޑަ ކުރުމަށް އަޅަން ފެންނަ ގިނަ ފިޔަވަޅުތަކެއް އައިއެމްއެފްގެ ވަފުދުން ވަނީ ފާހަގަކޮށްފައެވެ. އެ ވަފުދުން ރާއްޖޭން ހޯދުނު ހޯދުންތައް ހިމަނައިގެން އެކުލަވާފައިވާ ރިޕޯޓް އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑަށް ހުށަ ހަޅާނީ އަންނަ ސެޕްޓެމްބަރުމަހު އެވެ.