ހަބަރު

ރާއްޖެއަށް މާލީ މައްސަލަތަކެއް ކުރިމަތިވުމުގެ ބިރު

  • ޓޫރިޒަމް ހީނަރުވެ، އާމްދަނީ ދަށަށް ހިނގައިދާނެ
  • ބޭރުފައިސާއަށް އޮންނަ ޑިމާންޑް އިތުރަށް ބޮޑުވެދާނެ
  • ނަގާ ލޯނުތައް އަނބުރާ ދެއްކޭނެ ގާބިލްކަން ހޯދަން ޖެހޭ

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް ( އައިއެމްއެފް) ގެ ވަފުދެއް މިހިނގާ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ މާލީ ދާއިރާއާ ގުޅުން ހުރި ގިނަ ބޭފުޅުންތަކަކާ ވަނީ ބައްދަލުކުރައްވާފައެވެ. އެވަފުދުގެ ބޭފުޅުންނަށް ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ހޯއްދެވުނު ހޯއްދެވުންތައް އާއްމު ކުރެއްވީ މިއަދުއެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އެ ހޯދުންތަކާ މެދު އައިއެމް އެފް އިން ގޮތެއް ނިންމާނީ އަންނަ ސެޕްޓެމްބަރު މަހު އެ އިދާރާގެ އެގްޒެކެޓިވް ބޯޑަށް އެ ހޯއްދެވުންތައް ހުށަހެޅުއްވުމުންނެވެ.

ވަފުދުގެ ބޭފުޅުނުންނަށް ފާހަގަ ކުރެވުނު އިރު އުފާވާން ޖެހޭ ކަމަކީ ރާއްޖެއަށް މިއަހަރުވެސް 4.5 ޕަސެންޓްގެ އިގުތިސާދީ ކުރިއެރުމެއް ލިބޭނެ ކަމަށް ފާހަގަ ވުމެވެ. އަދި މެދުރާސްތާގައި ގާތް ގަނޑަކަށް ފަސް ޕަސެންޓާ ގާތް ކުރާ މިންވަރުގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާ ކުރެވިފައި ވުމެވެ.

ބޭރުފައިސާގެ ރިޒާވް އިތުރު ނުވުން

އުފާވެރި އެވާހަކައާ އެކު ނުރައްކަލުގެ ރަނގަބީލުގެ އަޑުވެސް މަޑެއް ނޫނެވެ. ރާއްޖެއަށް ކުރިމަތިވުމުގެ ނުރައްކާ އޮތް މައްސަލަތަކެއް ވަފުދުން ވަނީ ފާހަގަ ކުރައްވާފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ އިންތިހާއަށް ބޭރު ފައިސާ ބޭނުންވާ ރާއްޖޭގެ ބޭރުފައިސާގެ ރިޒާވް އިތުރުވާނެ ކަމަށް ނުބެލެވުމެވެ.

" އެކްސްޓާނަލް ހާލަތަށް ބަލާއިރު އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި އިމްޕޯޓްކުރަންޖެހޭނެ މިންވަރު އިތުރުވެގެންދާނެތީވެ ކަރަންޓް އެކައުންޓް ދަރަނި އިތުރުވެ، ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްއަށް އިތުރުކުރިއެރުމެއް ލިބޭނޭކަމަކަށް ލަފައެއްނުކުރެވޭ. އަދި ރިއަލް އެކްސްޗޭންޖް ރޭޓް އެޕްރިޝިއޭޓްވާނެ ކަމަށް ލަފާކުރެވޭ،" އައިއެމްއެފްގެ ވަފުދުގެ ހޯދުންތައް މީޑިއާއާ ހިއްސާކުރައްވަމުން އެވަފުދުގެ ވެރިޔާ ފިލިޕް ކަަރަމް މިއަދު ވިދާޅުވިއެވެ.

ފަތުރުވެރިކަން ހީނަރުވެދާނެ

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ އިގުތިސާދު މަޑުޖެހި ، އެކަމުގެ ސަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހީނަރުވުމަކީ ވެސް އޮތް ނުރައްކަލެކެވެ. އެކަން އެހެން މެދުވެރިވެއްޖެ ނަމަ ރާއްޖޭގެ އެކްޓާނަލް ހާލަތު އިތުރަށް ދަށްވާނެއެވެ.

"...ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދުތައް ކުރިއަރާ މިންވަރު މަޑުޖެހުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ހީނަރުކަމެއް އައިސްދާނެ. އަދި މީގެ ސަބަބުން އެކްސްޓަނަލް ހާލަތު އިތުރަށް ދަށްވުމުގެ ފުރުސަތު އެބައޮތް. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރުމަކީވެސް އެކަށީގެންވާކަމެއް" ހޯދުންތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކަރަމް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތައް

ރާއްޖޭގެ އިގުތިސާދަށް އޮތް އަނެއް ނުރައްކަލަކީ ތިމާވެށީގެ ނާޒުކު ކަމެވެ. އެހެންވީމާ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ފަސޭހައިން ކުރާނެއެވެ. ނަމަވެސް ރާއްޖޭގައި ހިންގަމުން އަންނަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން އެކަމަށް ލުޔެެއް ލިބޭނެ ކަމަށް ވަފުދުން ލަފާކުރެއެވެ.

"މާލޭ ސަރަހައްދުގައި ކުރިޔަށްދާ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން، އާބާދީ އެއްފަސްކުރުމަށް މަގުފަހި ވެގެންދާނޭކަމަށް ބެލެވޭ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ކަރަންޓު، ދަތުރުފަތުރު އަދި އެހެނިހެން އިޖްތިމާއި އަދި އަސާސީ ހިދްމަތްތައް ފޯރުކޮށް ދިނުމުގައި ހުރި ދަތިތަކަށް ލުޔެއްލިބޭނޭ ކަމަށް ބެލެވޭ. އަދި މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ހައްލެއްހޯދުމަށް ފަސޭހަވެގެން ދާނެކަމަށްވެސް ބެލެވޭ،" ކަރަމް ވިދާޅުވިއެވެ.

ކުރަންވީ ކަމަކީ؟

ރާއްޖެއަށް އޮތް މި ހިރާސްތަކުން ނަޖާވުމަށް ކުރަންވީ ބައެއް ކަންކަން ވަފުދުން ވަނީ ފާހަގަކުރައްވާފައެވެ. އެއް ކަމަކީ ރާއްޖޭގައި ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހަރުދަނާ ކުރުމެވެ. ދެވަނަ ކަމަކީ ފިސްކަލް އަދި އެކްސްޓާނަލް ޑެފިސިޓް ކުޑަކުރެވޭނެ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރުމެވެ.

"މިގޮތުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި އިސްކަމެއް ދޭންވީ ފިސްކަލް އަދި އެކްސްޓާނަލް ޑެފިސިޓްތައް ކުޑަކުރުމަށާއި ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށާއި، މާލީ ދާއިރާ ތަރައްގީކުރުމަށާއި ދިގުރާސްތާގައި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމަށް،" ރާއްޖޭން ކުރަން ފެންނަ ކަންކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކަރަމް ވިދާޅުވިއެވެ.