ހަބަރު

ނަޝީދުގެ މައްސަލައިގެ ހެކިތައް ހުށަހަޅަން އަދީބަށް ފުރުސަތުދީ: އެމްޑީޕީ

13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ސަރުކާރުން ހުކުމް ކޮށްފައިވަނީ ރާވައިގެން ކަމަށާއި އެމައްސަލަގެ ހެކި ހުރިކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާތީ، އެ ހެކިތައް ހުށަހަޅަން އަދީބަށް ފުރުސަތު ދިނުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގުނު ގޮތުގެ ތަފްސީލް އަދީބަށް އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވާ ކަމަށާއި ސުޕްރީމް ކޯޓުން އެ މައްސަލަ އަލުން ބައްލަވައި އަދީބު އަތުގައި ހުރި ހެކިތައް ހުށަހަޅަން ފުރުސަތުދޭން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން އިންތިހާއަށް ގޯސްވެ ނުހައްގުން ސިޔާސީ ލީޑަރުން ޖަލަށް ލާފައިވާ ކަމަށާއި އެ ހުރިހާ ސިޔާސީ ފަރާތްތައް މިނިވަންކުރަން ޖެހޭ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ނަޝީދުގެ މައްޗަށް ހިންގުނު ޝަރީއަތާ ގުޅިގެން ރާއްޖެއަށް އަމާޒުވި ފާޑުކިޔުންތަކަށް މި ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއާ ބޭރުގެ އެހެން ގައުމުތަކުގެ މެދުގައި އޮތް އެކުވެރިކަމަށް ވަނީ ބުރޫ އަރާފައި ކަމަށެވެ. އަދި މިސަރުކާރުގެ ސިޔާސީ ބޭނުމަށް އެތައް ބަޔަކު ޖަލަށް ލަމުންދާ ކަމަށާއި މުޅި ޝަރުއީ ނިޒާމްވެސް ހައިޖެކް ކުރުމަށް ވަކި މީހަކު މަސައްކަތް ކުރަމުންދާކަމަަށް އެމްޑީޕީން ބުންޏެވެ.

"ނަޝީދުގެ މައްޗަށް ހިންގުނު ޝަރީއަތަކީ އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ހިންގި ޝަރީއަތެއް. އެކަން ސާބިތުވާނޭ ހެކިތައް އަދީބު އަތުގައި ހުރިކަމުގައި ވިދާޅުވެފައިވާހިނދު، މިފަދަ ބޮޑު ޖަރީމާއެއް ހިންގައި ރާއްޖޭގެ ރައީސްކަންކުރައްވާފައިވާ އަދި ދިވެހިރާޢްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރު ޖަލުގައި ބަންދުކޮށްފައި ހުރުމަކީ އެމަނިކުފާނަށާއި، މި ޕާޓީއަށް ދެވޭ ބޮޑު އަނިޔާއެެއް" އެމްޑީޕީން ބުންޏެވެ.

އަދީބު އިއްޔެ ނެރުން ބަޔާނުގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްޗައް ދައުވާ ކުރީ އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ހައްޔަރު ކުރުމާ ގުޅިގެން އެމަނިކުފާނުގެ ދިފާއުގައި ނަޝީދު ސިޔާސީ މަސައްކަތްތައް ފެއްޓުމާ ގުޅިގެން ކަމަށާއި އެކަން ހުއްޓުމަކަށް ގެނައުމަށް ކަމަށެވެ. އެގޮތުން ނަޝީދުގެ މައްޗައް ކުރި ހުކުމަކީ ޝަރުއީ ކޯޓެއްގައި ފަނޑިޔާރަކު ލިޔުނު ހުކުމެއް ނޫން ކަމަށާއި އެ ހުކުމް ތައްޔާރު ކުރި ފަރާތްވެސް އެނގޭ ކަމަށް އަދީބު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.