ކުޅިވަރު

އުނދަގޫ މެޗެއް، ނަމަވެސް ވިކްޓަރީއަށް އިތުރު ހިތްވަރެއް އެބައޮތް

Jul 18, 2017

މާލޭ ލީގްގައި މިއަދު ޓީސީއާ ދެކޮޅަށް ނިކުންނަ މެޗަކީ، މި ސީޒަންގައި އެންމެ އުނދަގޫ މެޗަށް ވެގެންދާނެ ކަމަށާއި ނަމަވެސް މެޗުން މޮޅުވެގެން، ގަދަ ހަތަރަކަށް ދިއުމުގެ ފުރުސަތު ވިކްޓަރީއަށް އޮތުމަކީ ކުޅުންތެރިންނަށް، އިތުރު ހިތްވަރެއް އޮތް ސަބަބެއް ކަމަށް، ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

މި މެޗަކީ މާލޭ ލީގްގައި، މި ދެ ޓީމު ކުޅޭ އެންމެ ފަހު މެޗެވެ. މި މެޗުން މޮޅު ވެގެން ވިކްޓަރީއަށް ގަދަ ހަތަރެއްގެ ސީދާ ޖާގަ ލިބުނު ނަމަވެސް، ޓީސީއަށް އޮތީ، މާދަމާ ގްރީން ސްޓްރީޓާއި އީގަލްސް ކުޅޭ މެޗު ނިމެންދެން މަޑު ކުރުމެވެ. ޓީސީ އަށް ގަދަ ހަތަރެއްގެ ފުރުސަތު ލިބިގެން ދާނީ އެ މެޗުން ކޮންމެވެސް ޓީމެއް ބަލި ވެގެން ނެވެ.

"ވިކްޓަރީއަށް ޔަގީން އިރާދަ ކުރެއްވިއްޔާ ވިކްޓަރީ ތިން ޕޮއިންޓް ނެގިއްޖެއްޔާ ]ދިވެހި ޕްރިމިއާ ލީގަށް[ ކޮލިފައިވީ ކަން އެހެން ބައެއްގެ ރިޒަލްޓަށް އެހެން މެޗެއްގެ ނަތީޖާއަށް ވިކްޓަރީ ވިސްނާކަށް ނުޖެހޭ އެއަށްބަލާއިރު އެއީ ހަމަގައިމުވެސް މާޔޫސް ކަމެއް ނެތި މަސައްކަތް ކޮށްލެވޭނެ ޓާގެޓެއް މިސާލަކަށް ވިކްޓަރީ ވެސް މޮޅުވެގެން، އަދި އެހެން ބައެއްގެ ނަތީޖާ އަށް ބަލާއިރު ނޯންނާނެ ޔަގީން ކަމެއް އެހެންވީމަ ވިކްޓަރީއަށް މޯޓިވޭޝަނަލް އެޑްވާންޓޭޖު އެބައޮތް،" ތާވަލުގެ ފަސް ވަނައިގައި އޮތް ޓީމުގެ ކޯޗް ބުންޏެވެ. "އެހެން ނަމަވެސް ޓީސީއަށް އެހެން މެޗަކަށް ބިނާކޮށް އެހެން މެޗެއްގެ ނަތީޖާއަށް ބަރޯސާ ވާން ޖެހޭތީވެ އެ އެޑްވާންޓޭޖް އަޅުގަނޑުމެންނަށް ލިބޭނެ ކަންނޭންގެ."

އޭނާ ބުނީ މިސީޒަންގެ އެންމެ އުނދަގޫ މެޗަށް ޓީސީއާ ވިކްޓަރީ ކުޅޭ މެޗުވާ ސަބަބަކީ އަދަދު ތަކަށް ބަލާއިރު ދެ ޓީމަށްވެސް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތުން ކަމަށާއި އެހެންވެ އެއްވެސް ވަރަކަށް މަޑުޖެހިލައިގެން ދެ ޓީމުން ކުރެ އެއްވެސް ޓީމަކުން ނުތިބޭނެ ކަމަށެވެ. އަދި ޓީސީ އަކީ ނަތީޖާ ނެރެން ކުޅެން ޖެހޭ މެޗުތަކުގައި އިތުރު ހިތްވަރެއް ނެރެގެން ކުޅޭ ޓީމެއް ކަން، ސުޒޭން ފާހަގަ ކުރި އެވެ.

މި މެޗުގެ ނަތީޖާ ނިކުންނަ ގޮތުން، ސީޒަންގެ ބޮޑު ޓާގެޓަކަށް ދެ ކުލަބުން ވެސް ކަނޑައަޅާފައިވާ ހިސަބަށް ވާސިލު ނުވެދާނެ ކަމުގެ ބިރު އެބައޮތެވެ. މި މެޗުގައި އެ ޕްރެޝާ ދެ ޓީމުގެ ކުޅުންތެރިންނަށްވެސް އޮތްކަމަށް ސުޒޭން ބުންޏެވެ.

"ކޮންމެ ކުޅުންތެރިޔަކަށްވެސް އޮންނާނެ ޕްރެޝާ، އެއީ އެ ކުޅުންތެރިޔެއް ޕްރިމިއާ ލީގް ކުޅެލުން ހަމަ އަމިއްލަ ނަފުސަށްވެސް ވަރަށް މުހިންމު ކަމެއް، ދެން މީގައި ވިސްނަން ޖެހޭ ކަމަކީ ޕްރިމިއާ ލީގަށް މިދަނީ ހަތަރު ޓީމު، އެ ހަތަރު ޓީމުގެ ތެރެއަށް ޖާގަ ހޯދަން އަމުދުން މިހާރު ޕްރެޝާ މެޗެއްގައި ކުޅޭއިރުގައި، ހަމަ ކުޅުންތެރިންގެ ހުންނާނެ ހާސްވުން ތަކާއި އެކަހަލަ ބައިވަރު ކަންކަން،" އޭނާ ބުންޏެވެ. "އެ ޕްރެޝާ ވީހާވެސް ކުޑަ ކުރުން އެއީ ކޯޗްގެ ޒިންމާއެއް، އޭތި ވީހާވެސް ބޮޑަށް އެމީހުންނަށް ފަސޭހަ ވާނެ ގޮތަކަށް އެކަން ކުރެވޭނެ އައިޑިއާއެއް ދިނުން، އެމީހުންނަށް އެ ހާސަކަން ނައްތާލަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން އެއީ ކޯޗްގެ ޒިންމާއެއް، އެހެންވީމަ އަޅުގަނޑަށް އެކަން ކުރެވެން ހުރި އެންމެ ރަނގަޅަކަށް އަޅުގަނޑުގެ ތަޖުރިބާ ހުރި އެންމެ ރަނގަޅަކަށް އެކަންކުރެވޭތޯ ބަލާނަން."

އުނދަގޫ މެޗެކަށް ނިކުންނައިރު އޭނާ އަށް ޕްރެޝަރެއް ކުރިމަތި ނުވާނެ ޔަގީންކަން ސުޒޭން ދިނެވެ. "ވިކްޓަރީގެ މި ޓީމާއެކު މިސާލަކަށް އަލުގަނޑު ދެ އަހަރެއް ހައި ދުވަހު މަސައްކަތް ކޮށްލައިގެން ނަތީޖާ ނުނެރެ ވިއްޖެއްޔާ ޕްރެޝާ އަންނާނެ، އެކަމަކު މިހެން އައިސް ކުއްލިއަކަށް ޓީމެއް ހަދައި، ވިކްޓަރީ 2012 އިން ފެށިގެން ވެއްޓުނު ވަޅުގަނޑަކުން ނޭރިގަނެގެން މިއުޅެނީ އެހެންވީމަ އެގޮތުން އަޅުގަނޑަށް ޕްރެޝަރެއް ނެތް،" ސުޒޭން ބުންޏެވެ. "ދެން އަލުގަނޑު ޕްރެޝާގައި ޖެހިގެން އެއްޗެއް ހޯދާކަށް ނުވަތަ ޓާގެޓެއް ހާސިލު ކުރަން ޕްރެޝާގައި ޖެހިގެން އެހެން ތެޅިގަނެގެން އުޅޭވަރަށް ވުރެ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ މާޒީ ތަންކޮޅެއް ރަނގަޅު ވާނެ."