މާލޭ ލީގްގައި، ގަދަ ހަތަރަކަށް ދިއުމަށް، އެހެން މެޗެއްގެ ނަތީޖާއާމެދު ނުވިސްނާ ކަމަށާއި ވިސްނަނީ އަމިއްލަ މަސައްކަތުން ގަދަ ހަތަރަކަށް ދިއުމަށް ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.
ނަމަވެސް ތާވަލުގެ ހަ ވަނައިގައި އޮތް ޓީސީއަށް، ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނީ، މިރޭ ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، މާދަމާ ހަވީރު ގްރީން ސްޓްރީޓާއި އީގަލްސް ކުޅޭ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން ނެވެ. ނިޒާމް ބުނީ، ފުރަތަމަ ވިސްނަނީ މިރޭ ވިކްޓަރީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށެވެ.
"އަޅުގަނޑު އެ ހިސާބަށް ވިސްނާނީ މި މެޗު ނިންމާފަ، އަދި އެއްގޮތަކަށްވެސް އެ މެޗަކަށް ފޯކަސްއެއް ނުކުރަން، އެ މެޗު ދާނީ ކިނިނެއްތޯ ވެސް ބަޔަކު ކޮށްފާނީ ކޮންކަމެއްތޯވެސް (ނުވިސްނަން،)" ނިޒާމް ބުންޏެވެ. "ދެން، އެއީ މީގެކުރިން ތަޖުރިބާ ކޮށްފައި ހުރި ކަންކަން، ފުޓްބޯޅައިގައި އާ ތަޖުރިބާއެއް ނޫން ކަންނޭންގެ އެއީކީ، އެއްގޮތަކަށްވެސް ބޭނުމެއް ނޫން ބަޔަކު ކޮށްފާނެ ކަމަކަށް ޑިޕެންޑްވާކަށް، އޭގެ ބަދަލުގައި އަމިއްލަ މަސައްކަތުން އަމިއްލައަށް ކުރެވެން ހުރި މަސައްކަތް ކޮށް ނިންމަން ފުރަތަމަ ބޭނުން ވަނީ."
އޭނާ ބުނީ އެހެން މެޗަކާ މެދު ކުޅުންތެރިން ނުވިސްނާ ކަމަށާއި ކުޅުންތެރިންނާ މުޅި ޓީމުވެސް އޮތީ، ވިކްޓަރީ އަތުން މޮޅުވެ ތިން ޕޮއިންޓް ހޯދުމުގެ އަމާޒުގައި ކަމަށެވެ. ޓްރާންސްފާ ޕީރިއަޑް ހުޅުވިފައި ވުމުން، ޓީސީ އަށް ވަނީ އިތުރު ކުޅުންތެރިންތަކެއް ރަޖިސްޓްރީ ކޮށްފަ އެވެ. ނިޒާމް ބުނީ ޓީމާ ގުޅުނު ކުޅުންތެރިންނާއެކު ޓީމަށް އިތުރު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
"ޓީމުގައި ވަރަށް ބޮޑު ތަފާތެއް ފެނިގެން ދިޔައީ އެންމެ ފަހުން މެޗުގައިވެސް ބަދަލު ކޮށްލާނެ ކުޅުންތެރިން އަތުގައި ތިބުން، ކުރީގައި ވާ ގޮތަކީ އެންމު މުހިންމު އެއް މެޗު މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު، އެމީހުންގެ އެއް ކުޅުންތެރިޔަކު މަދުވެގެން ދިޔަ ގަޑީގައިވެސް ކުރިއަށް ކުޅުންތެރިޔަކު ބަދަލު ކޮށްލަން ބެލިއިރުވެސް އަތުގައި ނެތް އޮޕްޝަނެއް، މިހާރު ހަމަގައިމުވެސް، އަލަށް އައި ކުޅުންތެރިން، އަނެއް ކޮޅުން އާ ތިން ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް ފެނިގެން ދިޔަ އެއީ ހަމަގައިމުވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ." ނިޒާމް ބުންޏެވެ.
އޭނާ ބުނީ، ދެ ވަނަ ބުރުގައި ފަހުން ކުޅުނު މެޗުތަކުން ޓީސީގެ ފަރާތުން ފެންނަމުން ދަނީ ތަފާތު ކުޅުމެއް ކަމަށާއި އެއްދުވަހުން އަނެއް ދުވަހަށް ފެންނަމުންދާ ކަމަށެވެ. އޭނާ ބުނީ ކޮންމެ ހާލަތެއްގައި ވިކްޓަރީ އޮތް ކަމުގައިވިޔަސް، ވިކްޓަރީގައި ރަނގަޅު ސްކޮޑެއް އޮތުމުން އެ ކުޅުންތެރިންނަކީ އަމިއްލަ މަސައްކަތުން ނަތީޖާ ނެރެވޭ ކުޅުންތެރިތަކެއް ކަމަށެވެ. އެހެންވެ މިރޭގެ މެޗުގައި ޓީސީ ނިކުންނާނީ އެކަމަށް ސަމާލުކަން ދީގެން ކަމަށެވެ.
"ފަހުން މިދިޔަ މެޗުތަކުގައި ޓީސީގެ ކުޅުންތެރިންގެ ފަރާތުން މި ފެނުނު ތަފާތަކީ އެ މޯޓިވޭޝަނޭ އެ ހިތްވަރޭ، އެކުޅުންތެރިން ޕްރިމިއާ ލީގަށް ވަންނަން ބޭނުންވާ މިންވަރު ފެނިގެން މިދަނީ، އެހެންވީމަ ޕްރެޝާއަށް ވުރެން އަޅުގަނޑު ގަބޫލު ކުރަނީ ކުޅުންތެރިން އިތުރު ހިތްވަރެއް ލައިގެން ކުޅޭނެ ކަމަށް،" ނިޒާމް ބުންޏެވެ. "އެއީ ހަމަގައިމުގައިވެސް އެ ކުޅުންތެރިން ނަތީޖާ ނެރުމަށް ކުރި މަސައްކަތަކީ ހުރިހާ އެންމެންނަށްވެސް ފެނިގެންދާނެ ކަމެއް، ގަބޫލު ކުރަނީ އެ ހިތްވަރު ލާފައި އިތުރު ހިތްވަރަކާއެކު ވިކްޓަރީ މެޗު ނަގަން ޓީސީ މަސައްކަތް ކުރާނެ ކަމަށް."