ކުޅިވަރު

އަޝްފާން އެނބުރި ގްރީން ސްޓްރީޓަށް

Jul 18, 2017

މިދިޔަ ސީޒަންގެ ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ގްރީންސްޓްރީޓަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި އެ ޓީމުގެ އޭރުގެ ކެޕްޓަން އަހްމަދު އަޝްފާން އަލުން ގްރީންސްޓްރީޓަށް ބަދަލު ވެއްޖެ އެވެ.

މިހާރު ހުޅުވިފައިވާ ޓްރާންސްފާ ޕީރިއަޑްގައި، ގްރީންސްޓްރީޓްގެ ކުޅުންތެރިޔެއްގެ ގޮތުގައި އަޝްފާން ވަނީ، ގްރީންގެ ސްކޯޑްގައި ރަޖިސްޓްރީ ކޮށްފަ އެވެ. ބެލެވޭ ގޮތުގައި، މާދަމާ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުގައި އަޝްފާން ފުރުސަތު ދޭނެ އެވެ.

ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ، އަލީ އަޝްފާގް (ދަގަނޑޭ) ގެ ބޭބެ، އަޝްފާން، މިއަހަރު ސީޒަންގައި ފުރަތަމަ ޑިވިޝަންގައި އެއްވެސް ޓީމަކާ ގުޅިފައެއް ނުވެ އެވެ. ގްރީން ވަނީ އޭރު އޭނާގެ އެއްބަސްވުން އާ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ވަކި ގޮތަކަށް އެއްބަސް ވެވިފައެއް ނުވެ އެވެ.

ގްރީންގެ ކޯޗް ސޮބާހް މުހައްމަދު ބުނީ، އަޝްފާން އަލުން ގްރީން ސްޓްރީޓަށް އައުމުން، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ހިނގައްޖެ ކަމަށާއި އަލުންވެސް އޭނާ އަކީ، ގްރީންގެ މުހިންމު ކުޅުންތެރިޔަކަށް ވާނެ ކަމަށެވެ.

"އިޝާރާތް ކުރިހެން، ދެ ވަނަ ޑިވިޝަންގައި ގްރީންގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި އަސްކޮ [އަޝްފާން] ހިމެނޭ، އަދި އެ މުބާރާތުގައި ކެޕްޓަނެއްގެ ގޮތުގައި އޭނާ މުޅި ޓީމު ލިޑް ކުރި، އަޅުގަނޑު އުންމީދު ކުރަނީ އަލުންވެސް އަޝްފާނަކީ ގްރީންގެ މުހިންމު ކުޅުންތެރިޔަކަށް ވާނެ ކަމަށް." ސޮބާ އާ އެކު ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ވާތު ބެކާ ބެހޭގޮތުން އޭނާ ބުންޏެވެ. ކުރިން ގައުމީ ޓީމަށްވެސް ކުޅުނު އަޝްފާންގެ ކެރިއާގެ ގިނަ ދުވަސްތަކެއް އޭނާ ހޭދަ ކުރީ ވިކްޓަރީ އާއި ވީބީގަ އެވެ.

ގްރީންއިން ވަނީ، މި ސީޒަންގެ ނިއުގެ ސްކޮޑްގައި ހިމެނުނު އާދަމް އިޝާމް (ސަން) ވެސް އެ ޓީމަށް ގެނެސްފަ އެވެ. ސޮބާ ބުނީ، އަޝްފާން އާއި ސަން އެޓީމާ ގުޅުމުން ސޮކޮޑަށް އިތުރު ކުރިއެރުން އައިސްފި ކަމަށެވެ.