ހަބަރު

ދުވަސްވީ މީހުންނަށް ހާއްސަ ޕްރޮގްރާމެއް ޅ. އަތޮޅުގައި

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަ އެންޑް ފެމިލީން ހިންގާ "ރަންވޭލާ" ކެމްޕެއިންގެ ޕްރޮގްރާމްތައް ޅ.އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށްގެންގޮސްފިއެވެ.

ރަންވޭލާ ކެމްޕެއިންގެ ދަށުން މިނިސްޓްރީއިން ޅ. އަތޮޅުގެ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތަކާ ގުޅިގެން އަތޮޅުގެ ހުރިހާ ރަށެއްގައި ދޮށީ އުމުރުގެ މީހުންނަށް ހެލްތު ސްކްރީނިން ޕްރޮގްރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ހެލްތު ސްކްރީނިން ޕްރޮގްރާމްތަކުގައި ބައިވެރިވި އުމުރުން 65 އަހަރުން މަތީގެ 178 މީހުންގެ ހަކުރާއި ބްލަޑް ޕްރެޝަރު އަދި ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ވެސް ވަނީ ޗެކްކޮށްފައެވެ. އަދި ޅ. އަތޮޅުގައި މަސައްކަތްކުރާ 19 ހެލްތު ކެއަ ވޯކަރުންނަށާއި އިޖްތިމާއީ ހިދުމަތްތެރިންނަށްވެސް ކެމްޕެއިންގެ ދަށުން ވޯކްޝޮޕެއް ވަނީ މިމަހު 14 އިން 15 އަށް ހިންގާފައެވެ.

އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުތުތަމައުގައި އިތުރުކުރުމަށާއި އެފަރާތްތަކަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމަށާއި އެފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިންމުކަމާމެދު ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ވެސް ވަނީ އަތޮޅުގެ ހުރިހާ ރަށެއްގައި ހިންގާފައެވެ. އެ ސެޝަންތަކުގައި 120 އަށް ވުރެ ގިނަ ދޮށީ އުމުރުގެ މީހުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށާއި، އެފަރާތްތަކަށް ޒުވާނުންގެ ފަރާތުން ލިބޭ އެހީތެރިކަން އިތުރު ކުރުމަށްޓަކައި ޅ.އަތޮޅުގެ ޒުވާނުންނަށްވެސް ވަނީ ސެޝަންތަކެއް ހިންގާފައެވެ.

ރަންވޭލާ ކެމްޕެއިނަކީ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން 2016 ވަނަ އަހަރުގެ އޮގަސްޓް މަހު މިނިސްޓްރީ އޮފް ޖެންޑަ އެންޑް ފެމިލީ އިން ހިންގާ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ ހަރަކާތްތައް މިހާރު ވަނީ ބ. އަތޮޅު އަދި މ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފައެވެ.