ހަބަރު

ފޮރިން ސެކްރެޓަރީގެ މަގާމަށް ސަރީރު އައްޔަންކޮށްފި

ރާއްޖޭގެ ފަރާތުން އދ އަށް ކަނޑައަޅާފައި ހުންނަ ސަފީރު މަގާމުގައި ހުންނެވި، އަހުމަދު ސަރީރު ފޮރިން ސެކްރެޓަރީގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަނު ކުރައްވައިފިއެވެ. ސަރީރު އައްޔަނު ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ

ސަރީރު މިހާތަނަށް ހުންނެވީ އ.ދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕަމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައެވެ. އެ މަގާމު އޭނާ ފުރުއްވަމުން ގެންދަވާފައިވަނީ 10 ޑިސެންބަރު 2012 އިން ފެށިގެންނެވެ. އޭނާގެ ޓާމް މި މަހުގެ ތެރޭގައި ވަނީ ހަމަވެފަ އެވެ. އެއާ އެކު އެ މަގާމަށް މިހާރު ހަމަޖައްސާފައި ވަނީ މީގެ ކުރިން ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަލީ ނަސީރެވެ.

ސަރީރު ފުރުއްވާފައިވާ މަގާމުތަކގެ ތެރޭގައި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް އޭނާ ގެންދެވީ ފުރުއްވަމުންނެވެ. ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަގާމުވެސް ސަރީރު ފުރުއްވާފައިވެއެވެ.

ހާރިޖީ ދާއިރާގައި އޭނާ ފުރުއްވާފައިވާ ބައެއް އެހެން މަގާމުތަކުގެ ތެރޭގައި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ 3 ވަނަ ސެކްރެޓަރީ ކަމުގެ މަގާމާއި އ.ދ. ގައި ހުންނަ ރާއްޖޭގެ ޕަރމަނަންޓް މިޝަންގެ 2 ވަނަ ސެކްރެޓަރީ ކަމުގެ މަގާމު ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް އަންޑަ ސެކްރެޓަރީ ކަމުގެ މަގާމާއި އެސިސްޓެންޓް ޑިރެކްޓަރު ފޮރިން ރިލޭޝަންސް ކަމުގެ މަގާމުގެ އިތުރުން ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ.

ހާރިޖީ ދާއިރާގައި 1986 ވަނަ އަހަރުން ފެށިގެން އެކި މަގާމުތަކުގަޔާއި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތައް ސަރީރު ވަނީ ފުރުއްވާފަ އެވެ. ސަރީރަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީން ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ރޮގުން މާސްޓަސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.