ޕީޕީއެމް

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަކަށް ތައްޔާރުވެއްޖެ

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި އެވެ. ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް އަވަސް އަށް ވިދާޅުވީ ޕާޓީގެ މުސްތަޝާރު، އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ކައުންސިލް ބައްދަލުވުމެއް މިރޭ 9:00 ޖަހާއިރު ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

ޕީޕީއެމް ކައުންސިލް ބައްދަލުވުމެއް ބާއްވަން މިރޭ ނިންމާފައިވާއިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމުގެ މުއްދަތު ވަނީ ކައިރިވެފަ އެވެ. އަދި އެ މައްސަލަ ވައްދަން އެ ޕާޓީގެ 10 މެންބަރަކުވެސް ސޮއިކޮށްފައިވާއިރު އެ މެންބަރުން ވަނީ ޕާޓީން ވަކިވާން ސިޓީ ލާފަ އެވެ. ނަމަވެސް އެ މެންބަރުން ޕާޓީން ވަކިކުުރުމާމެދު އަދި މިހާތަނަށް އެއްވެސް ގޮތެއް ނިންމާފައެއް ނުވެ އެވެ.

މީގެ އިތުރުން ޕީޕީއެމް މެންބަރުންގެ ސޮއި ހޯދަން މަސައްކަތް ކުރި އެއް މެންބަރު ކަމަށްވާ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫން މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނެފައި ވަނީ ފާރިސް ހައްޔަރު ކުރީ ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާއާ ގުޅޭ ގޮތުން ފުލުހުން މައްސަލައެއް ތަހުގީގު ކުރަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. މީގެ ކުރިން ފުލުހުން ވަނީ އެ ތުހުމަތާ ގުޅޭ ހެއްކާއި ގަރީނާ ހުރި ކަމަށްވެސް ބުނެފަ އެވެ.

އޭނާ ހައްޔަރު ކުރި އިރު ޝަހުސް އޮޅުވާލުމުގެ މައްސަލައެއްގެ ދައުވާގެ ޝަރީއަތް ފާރިސްއަށް އުފުލައި އެ ދައުވާގެ ޝަރީއަތް ވަނީ ފަށާފަ އެވެ.