ހަބަރު

ވައްޑޭ، ސައުދު އަދި އަމީތު ޕީޕީއެމުން ވަކިކުރަން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ޕީޕީއެމުން ވަކިކޮށްދޭން އެދިފައިވާ ކަމަށް އެ މެންބަރުން ވިދާޅުވެއްޖެ އެވެ.

މިއަދު އިލެކްޝަން ކޮމިޝަން އަށް ވަޑއިގެންނެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ މެންބަރުން ވިދާޅުވީ އެ ތިން މެންބަރުން ޕީޕީއެމުން ވަކިކޮށްދޭން އިލެކްޝަންގައި އެދިފައިވާކަން އެޕާޓީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލް ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަނަށް އީ މެއިލްގެ ޒަރިއްޔާއިން ސިޓީއެއްވެސް ފޮނުވާފައިވާ ކަމަށެވެ.

އެ މެންބަރުން ވަކިކުރަން ފޮނުވާފައިވަނީ ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ބެއްލެވުމަށްފަހު ފިޔަވަޅު އަޅައި ވަކިކުރުމަށްފަހު ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ އީމެއިލަށް ޕީޕީއެމް އިން ފޮނުވި ހުރިހާ އެއްޗެއް ލިބުނު ކަމަށެވެ. އެތަކެތި އެންޓްރީ ކޮށް ފޮތެއްގައި ލިޔެފައި ހުރި ކަމަށް ވައްޑެ ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ޕީީޕީއެމްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

އެ ތިން މެންބަރުން ޕާޓީން ވަކިކުރަން ފޮނުވާފައިވާއިރު މިމަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ޕާޓީން ވަކިވެއްޖެނަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ހުކުމް ކޮށްފަ އެވެ. އެ ހުކުމުގައި ބުނެފައި ވަނީ މެންބަރަކު އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލު ކުރުން ނުވަތަ އެ ޕާޓީގެ ފިކުރާއި ނިންމުންތަކާ ހިލާފަށް އަމަލު ކުރުމަކީ އެ މެންބަރަކު ތަމްސީލު ކުރާ ދާއިރާގެ ރައްޔިތުން އެ މެންބަރަކު އިންތިހާބު ކުރުމުގެ މަގްސަދު ގެއްލިގެންދާނެ ކަމެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ އަމަންއަމާން ކަމާއި ސުލްހަ މަސްލަހަތަށްޓަކައި މި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމައިދޭން ކޮންމެހެން ޖެހޭ ކަމަށެވެ.

އެގޮތުން މި މަހު 13 އިން ފެށިގެން ޕާޓީން ވަކި ކުރާ މެންބަރުންނާއި ވަކިވާން އެދުމުން އިލެކްޝަން ކޮމިޝަން (އީސީ) އިން އެ މެންބަރަކު ޕާޓީން ވަކިވިކަން ރަސްމީކޮށް މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން އެ ދާއިރާއެއްގައި ބައި އިލެކްޝަނެއް ބާއްވަން ޖެހޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި އެ ހުކުމުގައި ކަނޑައަޅާފައިވާ އުސޫލުތައް ބަޔާންކޮށް "އެންޓި- ޑިފެކްޝަން ގާނޫނެއް" ރައްޔިތުންގެ މަޖިލީހުން އެކުލަވާލަން ޖެހޭނެ ކަަމަށާއި އެ އުސޫލުތައް ހިނގާނީ އެ ގާނޫން ފާސްކޮށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ޕީޕީއެމް އިން ވަކިވާން 10 މެންބަރުން ވަނީ ސިޓީ ފޮނުވާފަ އެވެ.