ހަބަރު

ކޮންމެ އާއިލާއެއްގެ މީހަކަށް ވިޔަސް ގާނޫނު ހިނގާނެ: ޝައިނީ

މި ސަރުކާރުގައި ކޮންމެ މީހަކާ ދޭތެރޭވެސް އަމަލު ކުރާނީ ހަމަހަމަކޮށް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ގާނޫނު ތަންފީޒު ކުރުމުގައި އެއްވެސް މީހަކު ތަފާތު ނުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޝައިނީ މިރޭ ވިދާޅުވީ ގާނޫނުގެ ކުރިމަތީގައި ވަކި އާއިލާއަކަށް ނިސްބަތްވާ ވަކި މީހަކަށް ވީތީ ނުވަތަ ވަކި ހައިސިއްޔަތެއް އޮތް މީހެއް ނަމަވެސް އެއްވެސް ތަފާތެއް ނެތި މި ސަރުކާރުން އަމަލު ކުރާނެ ކަމަށާއި ހަގީގީ ޑިމޮކްރަސީ އަކީ އެއީ ކަމަށެވެ.

ޝައިނީ މިހެން ވިދާޅުވެފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫން މިއަދު ފުލުހުން ހައްޔަރު ކޮށްފައިވަނިކޮށެވެ. ފާރިސް ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ ފާރިސް ދިރިއުޅޭ އެޕާޓްމަންޓް ބަލާ ފާސްކޮށްފަ އެވެ. އަދި ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނެ ތަހުގީގް ކުރަމުންދާ މައްސަލައިގަ އެވެ. ފާރިސް އަކީ ރައީސް އަބްދުﷲ ޔާމީންގެ ކޮއްކޯފުޅެކެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށްވެސް ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ޝަރީއަތް ވަނީ ފަށާފަ އެވެ.