ހަބަރު

ގޯސްވީ ގާސިމާއި ފާރިސްއަށް ނައިބު ރައީސްކަން ނުލިބުމުން: ޝައިނީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރު ގޯސްވެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިންމެވީ އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނަށް ނައިބު ރައީސްކަން ނުދިނުމުން ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 އިގެ "ނިއުސްޓޯކް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ، ރައީސް ޔާމީން މަސައްކަތް ކުރެއްވީ ރައީސް މައުމޫންގެ މަޝްވަރާގެ މަތިން އެމަނިކުފާނުގެ ލަފަޔާއެކުގައި ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ ދެމެދު މައްސަލަތައް ކުރިމަތިވީ، އަހުމަދު އަދީބު ނައިބު ރައީސްކަމުން ވަކިވުމާއެކު އެ މަގާމަށް ފާރިސް މައުމޫން ނުގެނައުމުން ކަމަށެވެ.

"އަޅުގަނޑު ރައީސް ޔާމީންގެ އިޒުނައާއެކު ދަންނަވާލާނަން އެންމެ ބޮޑު މައްސަލައެއް ކުރިމަތިމިވީ ފާރިސްއަށް ނައިބު ރައީސްކަން ނުދިން ހިސާބުން، ނައިބު ރައީސްގެ މަގާމު ހުސްވުމާ ގުޅިގެން މައުމޫން ބޭނުންވީ ފާރިސްއަށް ނައިބު ރައީސްކަން ދޭން، ނަމަވެސް އެކަން ސިޔާސީ ބޭފުޅުންނަށް ގަބޫލު ކުރެވޭ ކަމަކަށް ނުވި، އެއީ ބޭރުގެ ގައުމުތަކުން ވެސް ގަބޫލު ކުރާނެ ކަމަކަށް ނުވާނެ، ރައީސް ޔާމީންގެ ކޮއްކޯފުޅެއް ނައިބު ރައީސްއަކަަށް ހަދާކަށް، ނަމަވެސް އެއިން އެއްވެސް ކަމެއް ނުވިސްނާ އެމަނިކުފާނު ބޭނުންފުޅުވީ ފާރިސްއަށް ނައިބު ރައީސްކަން ދޭން،" ޝައިނީ ވިދާޅުވި އެވެ.

އެމްޑީޕީއިން ވެސް މީގެ ކުރިން ވަނީ އާއިލީ ވެރިކަމާ ދެކޮޅާ މަސައްކަތް ކޮށްފަ ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް މައުމޫންގެ ހުރިހާ ބޭފުޅުން ތިއްބުމަކީ މިހާރު ވެސް ބައެއް ރައްޔިތުން ކަންބޮޑުވުމާ ކަމެއް ކަމަށް ޝައިނީ ވިދާޅުވި އެވެ. ޝައިނީ ވިދާޅުވީ، ރައީސް ޔާމީން މަގާމު ދެއްވަނީ ކުރައްވާ މަސައްކަތަށް ބައްލަވާފަ ކަމަށާއި އާއިލާއަށް ބައްލަވާފަ ނޫން ކަމަށެވެ.

ފާރިސްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ނައިބު ރައީސްގެ މަގާމަށް ވަޑައިގަތުމަށް ބޭނުންވި ކަމަށާއި އެ މަޝްވަރާތައް ވެސް ގާސިމް ރައީސްއާއެކު ކުރެއްވި ކަމަށެވެ.

"ގާސިމް ވެސް ނައިބު ރައީސްކަން ބޭނުން ވެގެން އެތައް ފަހަރަކު މަޝްވަރާ ކުރެއްވުމަށް ވަޑައިގެންނެވި، 65 އަހަރުވެފައި ހުންނެވި ނަމަވެސް، ދެ ޕާޓީ ގުޅިގެން ގާސިމަށް ނައިބު ރައީސްކަން ދެވިދާނެ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި، ތިމަންނަ މާ ރަނގަޅަށް އެކަން ކުރައްވާނެ ކަމަށް ވިދާޅުވި،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ އިތުރަށް ވިދާޅުވީ، ގާސިމް ވެސް މައުމޫން ވެސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބޭނުން ވަނީ ވެރިކަމަށް ވަޑައިގަންނަވަން ކަމަށެވެ. އޭގެ އިތުރުން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެންފަދަ ބޭފުޅުން ވެސް ތިއްބެވީ އެ ބޭފުޅުންގެ އުނގަށް ވެރިކަން ވެއްޓޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ. ޝައިނީ ވިދާޅުވީ، އިދިކޮޅުގައި މުޅިން ވެސް ތިއްބެވީ ފެއިލްވެފައިވާ ބޭފުޅުން ކަމަށާއި އުމަރު ނަސީރާއި އަބްދުﷲ ރިޔާޒުމެން ފަދަ ބޭފުޅުން ވެސް ވެރިކަމާ ދިމާލަށް މިސްރާބު ޖެއްސެވި ނަމަވެސް އެކަން ހާސިލު ކުރެވެން އަދި ނެތް ކަމަށެވެ.

"ކޮންމެ މީހަކު ވެސް މަސައްކަތް ކުރަނީ ތިމަންނަގެ އަތް މައްޗަށް ވެރިކަން ވެއްޓޭތޯ، ނަމަވެސް އެއީ ޒިންމާދާރުކަމާއެކު މަސައްކަތް ކުރެއްވުމެއް ނޫން،" ޝައިނީ ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ނަޝީދުގެ ނަން ނޯންނާނެކަން އެއީ ޔަގީންވާ ކަމެއް ކަމަށާއި ގާސިމާއި މައުމޫނަށް ވެރިކަމަށް ކުރިމަތިލެއްވެން ނެތްއިރު އިދިކޮޅުން އެއް ކެނޑިޑޭޓެއް ނެރެން މަސައްކަތް ކުރިޔަސް އެކަމުގައި މައްސަލަތައް ކުރިމަތިވާނެ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ފާރިސް މައުމޫން ވެސް ބޭނުން ވަނީ ވެރިކަން ކަމަށާއި އިދިކޮޅު ފަރާތްތަކުން ކެނޑިޑޭޓެއް ނެރެ މިހާރު ކެމްޕެއިން ފަށަން ޖެހިފައިވީ ނަމަވެސް އަދިވެސް އެކަން ނުކުރެވޭ ކަމަށެވެ.

"އެހެންވީމަ މި ދަންނަވަންނަވަނީ ރައީސް ޔާމީނަށް 2018 ވަރަށް ފަސޭހައޭ، ރައީސް ޔާމީންއާ އެއް ހަމައަކަށް އަރައި ލެވޭނެ ބޭފުޅެއް ނެތް،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ، ކޮންމެ މީހަކު ވެސް ބޭނުން ވަނީ އެހެން މީހުންގެ ބޭނުންކޮށްގެން ވެރިކަމާ ތޮޅި ވެރިކަން ވައްޓާލުމަށްފަހު ވެރިކަމަށް ވަޑައިގަތުމަށް ކަމަށެވެ. ނަމަވެސް ކާމިޔާބު ނުވާނެ ކަމަށެވެ.