ފާރިސް މައުމޫން

ފާރިސް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފި

Jul 18, 2017
13

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު ދިރިއުޅުއްވައި ގެ ބަލައި ފާސްކޮށް އޭނާ މިއަދު ހައްޔަރުކޮށްފި އެވެ. ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ހައްޔަރު ކުރިކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފުލުހުން ބުނީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ދާދި ދެންމެއަކު ފާރިސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއާ ގުޅޭ ގޮތުން ފުލުހުން ތަހުގީގު ކުރަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. ފުލުހުން އެންމެ ފުރަތަމަ މިއަދު ހެނދުނުގެ ވަގުތެއްގައި ފާރިސް ދިރިއުޅުއްވަމުން އައި، މ. ސްނޯރޯސްގެ އެޕާޓްމަންޓަށް ވަދެ އެތަން ބަލައި ފާސްކުރި އެވެ. އޭރު ވެސް ފާރިސް އާއި ލޯޔަރުން ގޭގައި ތިއްބެވި އެވެ. ފާރިސް ހައްޔަރު ކުރީ ގާތްގަނޑަކަށް ހަތަރު ގަނޑިއިރެއްހާއިރު އެގެ ބަލައި ފާސްކުރުމަށް ފަހު އެވެ.

ފާރިސް ހައްޔަރުކޮށްގެން ފުލުހުންގެ ލޯންޗެއްގައި ގެންގޮސްފައި ވަނީ ސީދާ ދޫނިދޫއަށެވެ. ފާރިސް ހައްޔަރު ކުރުމާ ދެކޮޅަށް އެ ގޭގެ ކައިރީގައި އާންމުން އަޑުއުފުލި އެވެ.

ފުލުހުން ސްނޯރޯސް ހިމެނޭ ސަރަހައްދު ބަންދުކޮށް މިއަދު އެ ގެއަށް ވަން އިރު މަޖިލީހުގެ މެންބަރުންނަށް ފާރިސް ރިޝްވަތު ދެއްވި ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެެވެ. އަދި ފާރިސް މައްޗަށް ދައުލަތުން ވަނީ ޝަޚްސު އޮޅުވާލުމުގެ ދައުވާވެސް ކޮށްފަ އެވެ. އެ ހުރިހާ ތުހުމަތުތަކެއް ވެސް ފާރިސް ދޮގު ކުރައްވަ އެވެ. ފާރިސް އަކީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރި ފަރާތެވެ.