ހަބަރު

ދިއްގަރުގައި އިބޫގެ ތައުރީފު ފާރިސް އާއި މައުމޫނަށް

ގައުމު އިސްލާހުކުރުމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ފެއްޓެވި މަސައްކަތުގެ އަޒުމަށް އަދިވެސް ބަދަލެއް ނާންނަ ކަމަށާއި އޭނާ ގައުމަށްޓަކައި ވަނީ ބޮޑު ގުރުބާނީއެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދުު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

ފާރިސްގެ ދާއިރާގެ ރަށް، މ. ދިއްގަރަށް ވަޑައިގެން ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ސަރުކާރުން ހިންގަމުން ދިޔަ ކަންކަން ރަނގަޅުކުރުމަށް ޕީޕީއެމްގެ ތެރެއިން ފާރިސް މަސައްކަތް ފެއްޓެވި ކަމަށާއި އޭނާއާއެކު ސިއްރުން ވެސް ގިނަ ބައްދަލުވުންތަކެއް ބޭއްވުނު ކަމަށެވެ.

އިސްލާހީ މަސައްކަތުގައި އިދިކޮޅާ އޭގެ ފަހުން ގުޅިވަޑައިގަތް ކުރެއްވި މަސައްކަތްތަކުގެ ސަބަބުން އޭނާ ކުށްވެރިކޮށް ޖަލަށްލީ ނަމަވެސް އެއީ އެއްވެސް ކުށެއް ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ ޖަލުގައި ފާރިސް ވަމުން ދަނީ ބޮޑު ގުރުބާނީއެއް ކަމަށެވެ.

"އާއިލާ އާއި އަނބިދަރިންނާ ދުރުގައި ޖަލުގައި އެ ހުންނެވީ ކުށެއް ކުރައްވައިގެނެއް ނޫން، ރައީސް ޔާމީންގެ ކުރިމަތިފުޅުގައި ހަމައެކަނި ފާރިސްގެ ކުށަކަށްވެފައިވަނީ ކޮރަޕްޝަނާއި ވައްކަމަށް ނޫނެކޭ ބުނުން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އޭނާގެ ސަރުކާރެއްގެ ފުރަތަމަ ފާރިސްއާއެކު ނުހައްގުން އަނިޔާ ލިބޭ އެންމެން އާއިލާތަކާ ބައްދަލުކުރާނެ ކަމަށެވެ.

ފާރިސްގެ ބައްޕާފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނެވީ ސާބިތުކަމާއެކު ކަމަށާއި އެމަނިކުފާނު ވެސް ނުކުމެވަޑައިގެންނެވީ ގައުމަށް ގެއްލުންވާ ގޮތަށް ރައީސް ޔާމީން އަމަލު ކުރައްވާތީ ކަމަށެވެ. ރައީސް މައުމޫނަކީ ގައުމަށް ހެޔޮ އެދޭ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

އިބޫ ވަނީ ދިއްގަރަށް ވައުދުތަކެއް ވެސް ވެވަޑައިގެންފަ އެވެ. އެގޮތުން އެ ރަށުގެ ބިން އަނެއްކާވެސް ހިއްކަވާނެ ކަމަށް ވިދާޅުވި އެވެ. މީގެކުރިން ރައީސް މައުމޫންގެ ވެރިކަމުގައި އެ ރަށުގެ ބިން ހިއްކި އެވެ. ރަށަށް އުދަ އަރާ ސަރަހައްދު ރައްކާތެރިކޮށް ސިއްހީ މަރުކަޒަށް އިތުރު ހިދުމަތްތައް ގެންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.