ދުނިޔެ

އެމެރިކާ އިއްތިހާދުން ރައްގާއަށް ވައިޓް ފޮސްފޮރަސް އަޅައިފި

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަ ކުރަން އެމެރިކާ އިސްވެ އޮވެ އުފައްދައިގެން އުޅޭ އިއްތިހާދުން ސޫރިޔާގެ ރައްގާ ނަމަކަށް ކިޔާ ރަށަށް ބައިނަލް އަގުވާމީ ގޮތުން މަނާ ކޮށްފައިވާ ނުރައްކާތެރި ހަތިޔާރެއް ކަމަށްވާ ވައިޓް ފޮސްފޮރަސް އެކުލެވޭ ބޮންތަކެއް އަޅައިފި އެވެ.

ސޫޫރިޔާގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންނާ ހަވާލާދީ އިރާގީ ނިއުސް ބުނީ އެމެރިކާ އިއްތިހާދުން ހޯމަ ދުވަހު ވައިޓް ފޮސްފޮރަސް އެޅީ ރައްގާގެ އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށެވެ. އެ ސަރަހައްދަށް ގިނަ އަދަދެއްގެ ވައިޓް ފޮސްފޮރސް އެޅުމުގެ ސަބަބުން ގިނަ އަދަދެެއްގެ އާއްމުން މަރުވި އިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެ ނޫހުން ބުންޏެެވެެ.

ވައިޓް ފޮސްފޮރަސް އަކީ އާދަޔާ ހިލާފަށް ނުރައްކާތެެރި ކެމިކަލެކެވެ. އެ ކެމިކަލް ވައިގެ ތެރެއަށް ދޫވުމުން އޭގައި އަމިއްލަ އަށް ހުޅު ހިފާ އިރު އިންސާނުންގެ ގައިގައި ޖެހިއްޖެ ނަމަ ކައްޓާ ޖެހެންދެން އަންދާލަ އެވެ. އަދި ކޮންމެ އެއްޗެއްގައި އެ ކެމިކަލް އުނގުޅުނަސް އެ އެއްޗެއްގައި ވަގުުތުން އަލިފާން ރޯވެއެވެ.

ވައިޓް ފޮސްފޮރަސް އާއި އެނޫން ވެސް އެފަަދަ މާއްދާތައް އެކުލެވޭ ހަތިޔާރު ބޭނުން ކުރުމަކީ 1981 ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުން ސޮއިކޮށް، 1983 ވަނަ އަހަރު ތަންފީޒު ކުރަން ފެށި މުއާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން ސާޓެއިންް ކޮންވެންޝަނަލް ވެޕަންސް" އިން ވަނީ މަނާ ކަމެކެވެ.

އެމެރިކާ އިއްތިހާދުން ކުރިން ވެސް ވަނީ ރައްގާއަށް ދެފަހަރެއްގެ މަތިން ވައިޓް ފޮސްފޮރަސް އަޅާފައެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާތަކެއްގައި އާއްމުންގެ 31 މީހުން މަރުވި އެވެ.

އިރާގުގެ ދެވަނަ އަށް އެންމެ ބޮޑު ޝަހަރުކަމަށްވާ މޫސަލް އިން އައިއެސްގެ ހަނގުމާވެރިން ބޭލީ ވެސް ވައިޓް ފޮސް ފޮރަސްއާއި އެނޫންވެސް ނުރައްކާތެރި މާއްްދާތައް އެކުލެވޭ ބޮންތައް އަޅައި މުޅި ޝަހަރު ސުންނާފަތިކޮޮށްގެންނެވެ.