ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޑަހުވަދޫ އާއި ތިނަދޫ

Jul 18, 2017

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލަށް، ދ. ކުޑަހުވަދޫ އާއި ގދ. ތިނަދޫ ދަތުރު ކޮށްފި އެވެ. ސެމީ ފައިނަލް ކުޅުނީ ހދ. ކުޅުދުއްފުއްޓާ ތިނަދޫ ގަ އެވެ.

ނިއުރޭޑިއަންޓާއި ކުލަބު ވެލެންސިއާ އަދި މަހިބަދޫ ސްޕޯޓްސް ކުލަބަށް ކުރިން ކޯޗް ކޮށްދިން، މުހައްމަދު ޝިޔާޒު (މޯހަން) ގެ ކޯޗް ކަމުގެ ދަށުން ކުޅެމުން އަންނަ ކުޑަހުވަދޫ ފައިނަލަށް ދަތުރު ކުރީ، ކުޅުދުއްފުށީގައި، މިއަދު އއ. މާޅޮސްގެ މައްޗަށް 4-1 ނަތީޖާ އަކުން ކާމިޔާބު ހޯދައިގެން ނެވެ.

ކުޑަހުވަދޫގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އާދަމް ޝަހީމް އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ބިދޭސީ ކުޅުންތެރިޔާ ކްރިސްޓިއަން އެވެ. މެޗުގެ 67 ވަނަ މިނެޓްގައި ކުޑަހުވަދޫގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ މުހައްމަދު އިސްމާއީލް އެވެ.

މެޗުގެ 68 ވަނަ މިނެޓްގައި، އާދަމް މާޖިދު ވަނީ މާޅޮސްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 78 ވަނަ މިނެޓްގައި، ކުޑަހުވަދޫގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ، ބިދޭސީ ކުޅުންތެރިޔާ ޖިބޯލާ އެވެ.

ށ. މިލަންދޫގެ މައްޗަށް، އަމިއްލަ ރަށުގައި ކުޅުނު ތިނަދޫ މެޗު ކާމިޔާބު ކުރީ 3-0 ން ނެވެ. އެޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ޕެޗަރޮމަން އާއި އޮރުޓެގާ އެވެ. އޭގެ ތެރެއިން އޮރުޓެގާ ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ސެމީފައިނަލުގައި ވާދަ ކުރި ޓީމުތަކަށް، ދިވެހި ޕްރިމިއާ ލީގުން ޖާގަ ވަނީ ލިބިފައެވެ. މިނިވަންޗެމްޕިއަންޝިޕްގެ ފައިނަލު ކުޅުމަށް ހަމަޖެހިފައި ވަނީ މާލޭގަ އެވެ.