ބޮލީވުޑް

ރިތިކްގެ "ކާބިލް" ގެ ހޮލީވުޑް ރިމޭކެއް

Jul 19, 2017

މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ. ރިތިކްގެ އެންމެ ފަހުން ރިލީޒްވި ފިލްމު "ކާބިލް" ގެ ހޮލީވުޑް ރިމޭކެއް އުފައްދަން ހުށަހެޅުމެއް ވަނީ ލިބިފަ އެވެ.

ޖެނުއަރީ މަހުގެ ފަހުކޮޅު ސުޕަސްޓާ ޝާހްރުކް ޚާންގެ "ރައީސް" އާއެކު ރިލީޒްކޮށް، "ކާބިލް" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

ބަތަލާގެ ރޯލުން ރިތިކާއެކު ޔާމީ ގޯތަމް ފެނިގެން ގޮސްފައިވާ މި ފިލްމުގައި މި ދެތަރިން ކުޅެފައިވަނީ ލޯ ފަން ދެމަފިރިންގެ ރޯލެވެ.

"ކާބިލް" ގެ ހޮލީވުޑް ރިމޭކެއް އުފައްދަން ހުށަހެޅުން ލިބިފައިވާކަން ޔަގީން ކޮށްދެމުން ޑައިރެކްޓަރު ސަންޖޭ ގުޕްތާ ވަނީ ޓްވެންޓީތް ސެންޗަރީ ފޮކްސްއިން މި ފިލްމުގެ ރައިޓްސް ގަންނަން ރިތިކަށް ހުށަހަޅާފައިވާ ކަމަށެވެ.

"ފޮކްސް އިންޓަނޭޝަނަލް ޕްރޮޑަކްޝަންގެ ޕްރެޒިޑެންޓް ތޯމަސް ޖެގެއުސް ވަނީ ރިތިކަށް ފިލްމުގެ ރައިޓްސް ގަންނަން ހުށަހަޅާފައި. އަދި މި ފިލްމުގެ ހޮލީވުޑް ރިމޭކާ ބެހޭގޮތުން ވާހަކަ ދައްކަން މާ އަވަސް. އެކަމަކު ވެސް ހުށަހެޅުން ލިބުމަކީ މުޅި ފިލްމުގެ ޓީމަށް ލިބުނު އުފަލެއް." ސަންޖޭ ބުނެފައިވެ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ މޮޅު ފިލްމަކަށް އޮންލައިން ޕޯލް އަކުން ހޮވާފައިވަނީ ވެސް މި ފިލްމެވެ.

ދެ ކުދިންނާއެކު މިވަގުތު ނިއުޔޯކްގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ ރިތިކަށް ފިލްމުގެ ރައިޓްސް ގަންނަން ތޯމަސް ގުޅާފައި ވަނީ "ކާބިލް" އަކީ ހުރިހާ ރަހައެއް އެކުލެވޭ މޮޅު ފިލްމަކަށް ވުމުން ހޮލީވުޑް ރިމޭކް އުފައްދަން އޭނާ ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ. ބުނެވޭ ގޮތުގައި ރިތިކް އެ ފިލްމުގެ ހޮލީވުޑް ރިމޭކެއް އުފެއްދުމާ ބެހޭގޮތުން ނިއުޔޯކުން އެނބުރި އިންޑިއާ އަށް އައިސް މަޝްވަރާކުރާނެ އެވެ.

އެ ފިލްމުގެ ހޮލީވުޑް ރިމޭކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު އަދި ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ވަނީ "ކާބިލް" ގެ ސްކްރީންޕްލޭ ވަރަށް މޮޅު ކަމަށާއި މި ފިލްމަކީ ލޯފަން ދެމަފިރިން، ބައެއްގެ ކިބައިން ބަދަލުހިފާ ގޮތް ފެނިގެންދާ ފިލްމަކަށްވާއިރު ފިލްމުގައި ޑްރާމާ އާއި އިމޯޝަން އަދި އެކްޝަން ވެސް ފެނިގެންދާ ފިލްމަކަށް ވާތީ އެ ފިލްމުގެ ހޮލީވުޑް ފިލްމެް އުފެއްދިޔަސް ވަރަށް ކާމިޔާބު ވާނެ ކަމަށެވެ.

މި ފިލްމުގެ ހޮލީވުޑް ރިމޭކެއް އުފައްދާނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު ދެން އުފެދޭ ސުވާލަކީ އެ ފިލްމުގައި ރިތިކް ފެނިގެންދާނެ ތޯ އެވެ.