ކުޅިވަރު

ވިކްޓަރީއަށް ފުރުސަތެއް ނުލިބުނު، ގްރީން ދިވެހި ލީގަށް

Jul 19, 2017

މެޗުން، މޮޅުވެގެން، ގަދަ ހަތަރެއްގެ ޖާގަ ލިބެން އޮތް، ވިކްޓަރީ، 4-1 ގެ ނަތީޖާ އަކުން، ޓީސީ އަތުން ބަލިވުމުން، ކުޅި ބަލަން ތިބި، ގްރީން ސްޓްރީޓަށް، ގދަ ހަތަރެއްގެ ޖާގަ ކަށަވަރުވެ، ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބިއްޖެ އެވެ.

މެޗުގެ ކުރިންވެސް، ގްރީންއަށް، ދިވެހިި ލީގް ޖާގައާ ދެމެދު އޮތީ އެންމެ ޕޮއިންޓްގެ ފަރަގެވެ. ވިކްޓަރީ މެޗުން މޮޅުވި ނަމަ، އެ ޓީމަށް ގްރީން އަށް ވުރެ ދެ ޕޮއިންޓް ކުރިއަށް ޖެހިލައި، ގަދަ ހަތަރެއްގެ ޖާގަ ކަށަވަރު ކުރެވޭނެ އެވެ. ގްރީން އަށް ފުރުސަތު ލިބުނީ ވިކްޓަރީ އަށް މެޗުން ތިން ޕޮއިންޓް ނުލިބުމުން ނެވެ. ގްރީން އަށް ލިބިފައި ވަނީ 24 ޕޮއިންޓެވެ.

މެޗުން މޮޅުވި، ޓީސީ ވަނީ ޕޮއިންޓްގެ ގޮތުން ވިކްޓަރީއާ އަރާ ހަމަކޮށް، ލަނޑުގެ ތަފާތުން ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލާފަ އެވެ. ޓީސީ އާއި އީގަލްސް އާއި ވިކްޓަރީއަށް ވެސް ލިބިފައި ވަނީ 22 ޕޮއިންޓެވެ. ނަމަވެސް، ދިވެހި ލީގް ޖާގަ ހޯދަން، ޓީސީއަށް އޮތީ އިތުރު އިންތިޒާރެކެވެ. އެއީ ގްރީން އާއި އީގަލްސް ކުޅޭ މެޗުން އީގަލްސް ބަލި ވެއްޖެނަމަ ނަމަ، ޓީސީއަށް ގަދަ ހަތަރެއްގެ ޖާގަ ލިބިގެން ދާނެ އެވެ. ގްރީންއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކޮށްލައިގެން ވެސް އީގަލްސްއަށް ގަދަ ހަތަރެއްގެ ޖާގަ ކަށަވަރު ވާނެ އެވެ.

ބޮޑު ހަރަދު ކޮށްގެން، ސީޒަނާ ކުރިމަތިލި، ވިކްޓަރީއަށް ގަދަ ހަތަރަކުން ޖާގަ ނުލިބުމުން ދެން އެޓީމު ކުޅޭނީ، މާލޭ ލީގް ކޮލިފިކޭޝަން ބުރުގަ އެވެ. ކޮލިފިކޭޝަން ކުޅޭނީ، މާލޭ ލީގްގެ ގަދަ ހަތަރަކުން ޖާގަ ނުލިބުނު ހަތަރު ޓީމާއި، ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން އާއި ރަނަރަފް ޓީމެވެ.

ރޭގެ މެޗުގައި، 27 ވަނަ މިނެޓްގައި، ޓީސީން ވަނީ ލީޑް ނަގާފަ އެވެ. އެޓީމަށް ލަނޑު ޖަހައިދިނީ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ. އެ ނަތީޖާއިން ފުރަތަމަ ހާފު ނިމި، ދެ ވަނަ ހާފުގެ ކުރީ ކޮޅުގައި ޓީސީން ވަނީ ނަތީޖާގެ ފަރަގު ދެ ލަނޑަށް ފުޅާ ކޮށްފަ އެވެ. ދެ ވަނަ ލަނޑު އިބްރާހިމް ވަހީދު ހަސަން ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން، ނުވަ ވަނަ މިނެޓް ތެރޭގައެވެ.

މެޗުގެ 76 ވަނަ މިނެޓްގައި، ވިކްޓަރީގެ ކެރިކް އެންޑްރެޖް ވަނީ، ވިކްޓަރީއަށް ލަނޑެއް ޖަހައިދީ އުންމީދެއް ގެނެސްދީފަ އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ޓީސީގެ މުހައްމަދު އައްޒާމް ވަނީ އަނެއްކާވެސް އެޓީމަށް ދެލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ. އަނެއްކާ އޭގެ ތިން މިނެޓޤފަހުން ސްޓެވާޓް ޓީސީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރި އެވެ.