ރާއްޖެ ކުޅިވަރު

ވަރުގަދަ ޕެރްސިޕޫރާ އަތުން މާޒިޔާ އަށް މުހިންމު ޕޮއިންޓެއް

އޭއެފްސީ ކަޕްގެ ގުރޫޕް އީގައި މިއަދު އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިންޑޮނޭޝިއާގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މި ގުރޫޕްގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފައިވާ ޖަޔަޕޫރާ އިން މި މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަަމަވެސް، އެ ޓީމަށް މާޒިޔާ ކޮޅަށް ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ. ޕެރްސިޕޫރާގެ ބައެއް ހަމަލާތައް ދިފާއުކުރުމުގައި މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދު މޮޅު ކުޅުމެއް ދެއްކިއިރު، މާޒިޔާގެ ޑިފެންޑަރުން ވެސް ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މާލޭގައި މި ދެ ޓީމު ބައްދަލުކުރި މެޗުގައި މާޒިޔާގެ މައްޗަށް ކުރި ހޯދި ޖަޔަޕޫރާގެ މިޑްފީލްޑަރު ޒުލްހާން ޒަމްރުން ފުރަތަމަ ހާފުގައި މާޒިޔާގެ ދެ ކުޅުންތެރިން ކައިރިން ޕެނަލްޓީ އޭރިޔާ ތެރެއިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ. އަދި ދެވަނަ ހާފުގައި ވެސް ޒުލްހާން ފޮނުވާލި ދެ ހަމަލާއެއް ގޯލާ އަމާޒުވާ ގޮތެއްނުވި އެވެ. ޖަޔަޕޫރާގެ ކެޕްޓަން ބޮއާޒް ސޮލާސާ އާއި މިޑްފީލްޑަރު ގެރާލްޑް ޕުގިލާރާ ދެވަނަ ހާފުގައި ފޮނިވާލި ހަމަލާތައް މާޒިޔާގެ ކީޕަރު އިމްރާން ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު މާޒިޔާ ތާވަލްގެ ތިން ވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ގުރޫޕްގައި ބާކީ ދެ މެޗު މާޒިޔާ އަށް އޮތްއިރު، އެ ޓީމަށް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. މާޒިޔާ އަށް ބާކީ އޮތީ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗާއި ރަށުން ބޭރުގައި ސިންގަޕޫރުގެ ވޯރިއާސް އެފްސީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ގުރޫޕްގެ އެއްވަނައިގައި 10 ޕޮއިންޓާއެކު އޮތީ ޕެރްސިޕޫރާ އެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ބެންގަލޫރެވެ. މާޒިޔާ ހަތަރު ޕޮއިންޓާއެކު ތިން ވަނައިގައި އޮތްއިރު، ތާވަލްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ވޯރިއާސް އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް އެޗްގައި މާދަމާ މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑްއާ ދެކޮޅަށް ރަށުން ބޭރުގައި ނިއު ރޭޑިއަންޓް ނުކުންނާނެ އެވެ.