ކުޅިވަރު

ގްރީން ހަމަ ޖެހިލައިގެން، އީގަލްސްއަށް ފައިނަލެއް

Jul 19, 2017

މިއީ މާލޭ ލީގްގެ އެންމެ ފަހު މެޗުތައް ކުޅޭ ދުވަހެވެ. މިއަދާއި މިރޭ އޮތް ދެ މެޗަކީ ފައިނަލެކެވެ. ހާއްސަކޮށް، ގްރީން ސްޓްރީޓާއި އީގަލްސް ކުޅޭ މެޗުން މާލޭ ލީގްގެ މައިގަނޑު މަގްސަދު ހާސިލުވުން ގުޅިފައިވާ މެޗަކީ އެއީ އެވެ. ރޭ، ވިކްޓަރީ އާއި ޓީސީ ކުޅުނު މެޗުން، ވިކްޓަރީ ބަލިވިއިރު ކުޅިބަލަން ތިބި ގްރީން ސްޓްރީޓް، ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުވުމުން، މެޗުގެ ހާސްކަން، އެ ޓީމަށް ނެތޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ނަމަވެސް، މިއަދު ހަވީރުގެ މެޗަކީ އީގަލްސްއަށް ފައިނަލެކެވެ.

މެޗުން އީގަލްސް، ބަލިވެއްޖެނަމަ، ކުޅިބަލަން ތިބޭ، ޓީސީއަށް، ދިވެހި ލީގުން ޖާގަ ލިބިގެންދާނެ އެވެ. ނަމަވެސް އީގަލްސް އަށް އޮތް ހިތްހަމަ ޖެހުމަކީ، މެޗު އެއްވަރު ކޮށްލައިގެން ގަދަ ހަތަރެއްގެ ޖާގަ ލިބެން އޮތް ކަމެވެ. އީގަލްސް އާއި ޓީސީއަށް ވެސް ޕޮއިންޓްގެ ގޮތުން މިވަގުތު އޮތީ އެއް ހަމައެއްގަ އެވެ. ދެ ޓީމަށްވެސް 22 ޕޮއިންޓް ލިބިފައިވާއިރު، ޓީސީއަށް މިވަގުތު ތާވަލުގެ ހަތަރު ވަނަ މަގާމު ލިބިފައި އޮތީ ލަނޑުގެ ތަފާތުން ކުރީގައި އޮތުމުން ނެވެ.

"ކޮންމެ ގޮތެއްވިޔަސް މިއަދގެ މެޗުން އެއް ޕޮއިންޓް ނޫނީ ތިން ޕޮއިންޓް ނަގައިގެން ނޫނީއްޔާ އަޅުގަނޑުމެންނަކަށް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވުމުގެ އެއްވެސް ޗާންސެއް ނެތް،" އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުންޏެވެ. "ލީގްގެއް ގޮތުގައި އޮތް ކަމުގައި ވިޔަސް، ހުރިހާ ގޮތަކުން އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ ހަމަގައިމުވެސް އީގަލްސްއަށް ބޮޑު ފައިނަލެއް، ނަތީޖާ ނެރެން ޖެހޭނެ މެޗެއް، ތަފާތަކަށް ވާނީ މެޗު އެއްވަރުމުން ޕެނަލްޓީ ޖަހަން ނުޖެހޭނެ ކަން."

މެޗުގައި، ގްރީންސްޓްރީޓަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ، މި ސީޒަންގައި އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބިދޭސީ ފޯވަޑް ސޮބެލް އިލިއާ އާއި ޓީމުގެ އެންމެ މުހިންމު ޑިފެންޑަރު މުހައްމަދު ސާއިފްއަށް މިރޭގެ މެޗުގައި ސަސަޕެންޝަންގެ ސަބަބުން ނުޚުކުޅެވުމެވެ. ނަމަވެސް، ސާންތީ ބުނީ، އީގަލްސްއަށް އެ ފިކުރު ކުރަން ނުޖެހޭ ކަމަށާއި، ޓީމުގެ ހުރިހާ ކުޅުންތެރިން ވެސްތީބީ ހަމަކޮށް ރަނގަޅު ކޮންޑިޝަންގައި ކަމަށެވެ.

"މިއަދު ގްރީންސްޓްރީޓާ ދެކޮޅަށް ކުރިމަތިލާއިރު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަޅުގަނޑުމެންގެ ކުޅުންތެރިން ހަމަޔަށްވެސް ތިބުން އެއީ ސަސްޕެންޝަނެއް ނެތި އަޅުގަނޑުމެގެ ކުޅުންތެރިން ހަމައަށް ތިބުން، ދެން އަޅުގަނޑުމެންނަށް އަބަދުވެސް ދިމާވާ މައްސަލައަކީ ފިނިޝިންގެ މައްސަލަ، ތިން އަހަރެއް ވެދާނެ ކޯޗެއްގެ ހައިސިއްޔަތުން އަޅުގަނޑު މިކަން ހައްލު ކުރަން މަސައްކަތް ކުރާތާ، ހަގީގަތުގައި ރަނގަޅު ޓޮޕް ސްޓައިކަރެއް ނުލިބިގެން، އެހެން ހުރިހާ ތާކަށް ކުޅޭނެ ކުޅުންތެރިން އަޅުގަނޑުމެންަށް އެބަތިބި."

އެކަން ހައްލު ކުރުމަށްޓަކައި އީގަލްސްއިން ވަނީ 2015 ވަނަ އަހަރު މަހިބަދޫ ސްޕޯޓްސް ކުލަބަށް ކުޅުނު ބްރެޒިލްގެ ފޯވަޑް އެންޑަސަން ބިނާ ޑަސިލްވާ ޓީމުގައި ޖަހާފަ އެވެ. ނަމަވެސް އޭނާ މިއަދުގެ މެޗުގައި ފެންނާނެ ކަމުގެ ޔަގީން ކަމެއް ސާންތީ ނުދެ އެވެ. އޭނާ ބުނީ ކުއްލިއަކަށް މުބާރާތެއްގެ މުހިންމު ހިސާބުން އައިސް ފުރުސަތު ދިނަސް، އެންޑަސަންގެ ކިބައިން އެންމެ ރަނގަޅު ކުޅުން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެންޑަސަން ވަނީ މިއަހަރުގެ ދެ ވަނަ ޑިވިޝަން މުބާރާތުގައި ވެސް ކުޅެފަ އެވެ.

"ސެކަންޑް ޑިވިޝަން މުބާރާތުގައިވެސް އަޅުގަނޑު އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނޫން އެންޑަސަންގެ ޕާފޯމަންސް ފެނުނީ،" ސާންތީ ބުންޏެވެ. "އެކަމަކުވެސް އަޅުަގަނޑުމެންނަށް އެބަ ބޭނުންވޭ މިފެންވަރުގެ ތަންކޮޅެއް ވަރުގަދަ ކުޅުންތެރިޔެއް، ދެން މިއަދު ވެސް އޭނާގެ ފަރާތުން އެންމެ އެދެވާ ކުޅުން ނުފެނުމުގެ ފުރުސަތުވެސް އެބައޮތް، އެއީ ކޮންމެ ގޮތެއްވިޔަސް މިހާ ކައރި ކައިރީގައި މެޗުތަކެއް އަޅުގަނޑުމެން ކުޅެމުންދާއިރުގައި އަޅުގަނޑުމެންނަކަށް ނެތް އޭނާ ލައިގެން ވަކި ސެޓަޕެއް ހެދޭކަށް.

ނަމަވެސް، މެޗަކީ ނަތީޖާ ނެރެން ޖެހޭ މެޗަކަށް ވުމުން، ސާންތީގެ އެންމެ ބޮޑު އަހަމިއްޔަތުކަމެއް އޮތީ، އީގަލްސް ހަމަލާތައް ވަރުގަދަ ކުރުމަށެވެ. ސާންތީ ބުނީ އެކަމަށް ސަމާލުކަން ނުދީ އީގަލްސް ކޮޅަށް މެޗު އަނބުރާ ނުލެވޭނެ ކަމަށެވެ. ގްރީންއާ ދެކޮޅަށް ފުރަތަމަ ބުރުގައި ކުޅުނު މެޗުން އީގަލްސް ވަނީ ބަލިވެފަ އެވެ. ސާންތީ ބުނީ މާލޭ ލީގްގައި އީގަލްސް ޕްރެޝަރަށް ވެއްޓުމުގެ އެންމެ ބޮޑު ސަބަބަކީ ގްރީން ސްޓްރީޓް އަތުން ބަލިވުން ކަމަށެވެ.

"ގްރީން ސްޓްރީޓަކީ އަޅުގަނޑު ދެކޭ ގޮތުގައި، އެންމެ އުނދަގޫ އެއް ޓީމު، އަދި ފުރަތަމަ ބުރުގައި އަޅުގަނޑުމެން މިއޮތީ އެ މީހުން އަތުން ބަލިވެސް ވެފަ، ހަގީގަތުގައި، އީގަލްސް ޕްރެޝަރަށް ދިއުމުގެ އެންމެ ބޮޑުބައި ކުޅެފައި މިއޮތީވެސް ގްރީން ސްޓްރީޓް." ސާންތީ ބުންޏެވެ. "އަޅުގަނޑުމެން އެ މެޗުން ބަލިވި ހިސާބުން އަޅުގަނޑުމެންނަށް މައްސަލަތަކެއް މި ދިމާވީ، ހަގީގަތުގައި މިއަހަރު އެންމެ ބޮޑަށް ޓީމެއްގެ ގޮތުގައި، އެވްރެޖްކޮށް ކޮންމެ މެޗެއްގައި މަސައްކަތު ރޭޓް އެންމެ ރަނގަޅު ޓީމަކީ ގްރީންސްޓްރީޓް."

ގްރީންސްޓްރީޓްގެ ކޯޗް ސޮބާހް މުހައްމަދު (ސޮބާ) ރޭ ބުނީ، ގަދަ ހަތަރެއްގެ ޖާގަ ޔަގީންވި ނަމަވެސް، މެޗު ފަސޭހަކޮށް ނުލާނެ ކަމަށާއި، އަމާޒަކީ މިއަދުގެ މެޗުންވެސް ތިން ޕޮއިންޓް ހޯދުން ކަމަށެވެ. މިއަދުގެ މެޗުން ގްރީން މޮޅުވެ، މިރޭ މާޒިޔާއާ ނިއުރޭޑިއަންޓް ކުޅޭ މެޗުން ނިއު ބަލި ވެއްޖެނަމަ ގްރީން އަށް ތާވަލުގެ ދެ ވަނަ ޖާގަ ލިބިގެންދާނެ އެވެ.