ހަބަރު

ޕީޕީއެމުން ވަކިވިކަމުގެ ލިއުމަކަށް މާކުރިން ވާނީ އެދިފައި: އަމީތު

ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިކޮށްފައިވާ ކަމުގެ ލިއުމެއް ދިނުމަށް ރައްޔިތުންގެ ކުރިން އިލެކްޝަން ކޮމިޝަން (އިސީ) ގައި އެދިވަޑައިގެންފައިވާކަން އޭނާ ވިދާޅުވެއްޖެ އެވެ. މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އެ ލިޔުމަށް އޭސީސީގައި އެދި ވަޑައިގެންނެވީ މި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

ޕީޕީއެމުން ވަކިވި ކަމުގެ ލިއުމެއް ހޯދަން އީސީގެ ރައީސް އަހުމަދު ސުލައިމާނަށް ފޮނުއްވި ސިޓީއެއް މިއަދު އާއްމު ކުރެއްވުމަށް ފަހު އަމީތު ވަނީ އެ ސިޓީއާއި ޕާޓީން ވަކިވުމަށް އެދޭ ފޯމް އޭރު ހުށަހެޅުއްވުމުން ވެސް ޖަވާބު ނުދެއްވައި އޮތީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ.

އީސީއަށް ފޮނުއްވި ސިޓީގައި އަމީތު ވިދާޅުވެފައި ވަނީ ޕީޕީއެމުން އޭނާ ވަކިކޮށްފައިވާކަން އެ ޕާޓީން ރަސްމީކޮށް އޭނާއަށް އަންގާފައިވާ ކަމަށާއި ވަކިވާން އެދި ޕީޕީއެމަށް ފޮނުވި ސިޓީ އީސީއަށް ފޮނުވާފައިވާ ކަން ވެސް އަންގާފައިވާ ކަމަށެވެ. އަދި އެސިޓީ އީމެއިލްގެ ޒަރިއްޔާއިން އީސީއަށް ލިބުނު ކަން ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ޖުލައި މަހުގެ 10 ވަނަ ދުވަހު އަމީތު ލިއުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

އަމީތު ފޮނުއްވި ލިޔެކިއުންތައް އިސީން ބަލައިގަތްކަން ކަށަވަރުކޮށްދޭ ސްލިޕްވެސް އޭނާ ވަނީ އާންމުކޮށްފަ އެވެ. އެ ސްލިޕްގައި ވާ ތާރީހަކީ ވެސް ޖުލައި 10 އެވެ.

އަމީތު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ހިމަނުއްވާފައިވާ ލިޔެކިއުންތަކުން އެނގޭ ގޮތުގައި އޭނާ ޕީޕީއެމުން ވަކިވާން އެދިވަޑައިހގެންނެވީ ވެސް އަދި އެޕާޓީން އެކަން އެގޮތަށް ކުރީވެސް ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ރޫލިންގެ ކުރިންނެވެ. ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބު ވުމަށް ފަހު ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކާ ގުޅިވަޑައިގެންނެވުމުން މަޖިލީހުގެ ގޮނޑި ގެއްލިވަޑައިގަންނަވާ ގޮތަށް ގާނޫނު އަސާސީ މާނަކުރަން ސަރުކާރުން ހުށަހެޅުމުން ނެރުނު އެ ރޫލިން އޮތީ ސަރުކާރުން އެދުނު ގޮތަށެވެ. ރޫލިންގައިވާ ގޮތުން ގޮނޑި ގެއްލޭނީ ރޫލިން ނެރުނު ދުވަހުން ފެށިގެން ވަކިވާ މެމްބަރުންގެއެވެ.