ހަބަރު

މަސީހުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާއެއް ނުކުރާނެ؟!

Jul 19, 2017
10

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވާން ވަގުތު ކަނޑައެޅުމަށް މިއަދު ބާއްވަން އޮތް އާންމު ކޮމިޓީ ވެސް ކެންސަލްކޮށްފި އެވެ. އެހެން ކަމުން އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރާނެ ކަމާ މެދު މިހާރު މި ވަނީ ސުވާލު އުފެދިފަ އެވެ.

ރައީސް ޔާމީން ބައިވެރިވެގެން ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވި ކަމަށް ކައުންސިލްގެ މެންބަރުން ވިދާޅުވީ އެ މައްސަލައިގައި ސޮއި ކުރި ޕީޕީއެމްގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައި ވާތީ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލްވާނެ ކަމަށެވެ. އަދި މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް މަޖިލީހުގައި ދެން ނުނަގާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ކައުންސިލްގެ މެންބަރަކު ވިދާޅުވި އެވެ.

ވަގުތު ކަނޑައެޅުމަށް މިއަދު ބާއްވަން އޮތް ކޮމިޓީ އެންމެ ފަހު ވަގުތު ކެންސަލް ކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އެ މައްސަލައިގައި ދޭން ޖެހޭ 10 ދުވަހުގެ ނޯޓިސް މަޖިލީހުގެ އިދާރާއިން މީގެ ކުރިން ވަނީ މަޖިލީހުގެ މެންބަރުންނަށް ފޮނުވައިފަ އެވެ. އެހެން ނަމަވެސް އެ މައްސަލައިގައި ޖަވާބުދާރީ ވާނެ ވަގުތު ކަނޑައެޅުމަށް ބާއްވަން އުޅުނު އާންމު ކޮމިޓީ ކެންސަލް ކުރުމުން އަންނަ ހޯމަ ދުވަހު އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރާނެ ކަމަކަށް ދެން ނުބެލެވެ އެވެ.

ޕީޕީއެމްއިން ވަކިވެފައިވާ ކަމަށް، އިލެކްޝަންސް އިން މަޖިލީހަށް އަންގާފައި ވަނީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. އެއާ އެކު އެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ޕީޕީއެމް އިން އަންނަނީ ބުނަމުން އެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުން މެންބަރުންގެ ގޮނޑި ގެއްލޭ ކަމަށް ހުކުމް ކުރުމުގެ ކުރިން އެބޭފުޅުން ޕީޕިއެމް އިން ވަކިކުރިކަން މީގެ ކުރިން އެޕާޓީ އިން ހާމަކޮށްފައިވެ އެވެ. ހުކުމާ ވިދިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވެސް ބުނެފައި ވަނީ، ހުކުމުގެ ކުރިން ހިނގާފައިވާކަމަކާއި އެކަމާ ގުޅިގެން އަޅާ ފިޔަވަޅަކަށް ވެސް އެ ހުކުމުގެ ބާރު ނުހިނގާނެ ކަމަށެވެ.