ހަބަރު

މަސީހުގެ އިތުބާރުނެތް މައްސަލަ މަޖިލީހުން ބާތިލްކޮށްފި

Jul 20, 2017
10

ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައި ވާތީ، ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލްވެފައިވާކަން މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އަންގައިފި އެވެ.

މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ސޮއި ކުރައްވާ މިއަދު މެންބަރުންނަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއި ކުރި މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާތީ އެ މައްސަލަ ސައްހަވާ އަދަދަށް މެންބަރުންގެ ސޮއި އެ ގަރާރުގައި މިހާރު ނެތް ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެއް މައްސަލާގައި ސޮއި ކުރި 45 މެންބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ގާރީ ރަޝީދު)ގެ ސޮއި މިމަހު 13 ވަނަ ދުވަހު އަނބުރާ ގެންދިއުމަށް ހުށާހަޅާފައިވާ ކަމަށާއި އެހެން ކަމުން އެ މެންބަރުގެ ސޮއި ވެސް އެ މައްސަލައިން އުނިކޮށްފައިވާ ކަމަށް ސިޓީގައިވެ އެވެ.

"ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ ހ އަށާއި ށ ގެ ދަށުން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ 42 މެންބަރުންގެ އަދަދު އުނިވެފައި ވާތީ، މިހާރު އެ މައްސަލަ ބާތިލްވެފައިވާ ވާހަކަ ދަންނަވަމެވެ،" ސިޓީގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ދާދިފަހުން އާންމު ކޮމިޓީ އިން ގެނައި އިސްލާހުގައިވާ ގޮތުގައި މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ 42 މެންބަރުންގެ ސޮއިކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ 45 މެންބަރުންގެ ސޮޔާ އެކު އެވެ.