ބޮލީވުޑްގެ އެކްޓަރެއްގެ ހަޔާތުގެ މައްޗަށް އުފައްދާ ފުރަތަމަ ބައޮޕިކަކީ މަޝްހޫރު އެކްޓަރުު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެވެ.
ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރާ މި ފިލްމުގައި ސަންޖޭގެ ރޯލުން ފެނިގެންދާނީ ޒުވާން އެކްޓަރު ރަންބީރު ކަޕޫރެވެ. މި ފިލްމުގައި ރަންބީރު، ސަންޖޭގެ ހަޔާތުގެ މުހިންމު ތިން ދައުރެއްގައި ފެނިގެންދާނެ އެވެ.
އަދި ނަމެއް ދީފައުިނުވާ މި ފިލްމުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ނުވަ ދިހައިގެ ކުރީކޮޅު ސަންޖޭ ތަރިއެއްގެ ގޮތުގައި ވިދާލި ގޮތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭނާގެ ދިރިއުޅުމަށް އައި ބަދަލުތަކުގެ އިތުރުން އަތުގައި މަނާ ހަތިޔާރެއް ބާއްވައިގެން އޭނާގެ ހައްޔަރުކުރި ދުވަސްވަރަަށެވެ.
އެ ދުވަސްވަރު ސަންޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަތަަލާއިން ގެ ވާހަކަ މި ފިލްމުގައި އަންނާނެ ކަމަށް އަޑުތައް އެރި ނަމަވެސް އެ ވާހަކަތައް އެކު ފަހަރު މަތިން ވަނީ ދޮގުކޮށްފަ އެވެ.
ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ނިއުޔޯކްގައި ބޭއްވި އިންޑިއަން އިންޓަނޭޝަނަލް ފިލްމު އެވޯޑްސް (އައިފާ) އަށް ފަހު މި ފިލްމުގެ ޝޫޓިން މިވަނީ ނިއުޔޯކްގައި ފަށާފަ އެވެ.
ނިއުޔޯކްގައި މި ފިލްމުގެ ޝޫޓިން އިއްޔެ ފެށިއިރު، މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ސޯނަމް ކަޕޫރާއި އަނުޝްކާ ޝަރްމާ ވަނީ ފިލްމުގެ ޝޫޓިންގައި ބައިވެރިވެފަ އެވެ.
ފިލްމުގެ ޝޫޓިންގެ ތެރެއިން އަނުޝްކާ އާއެކު ނަގާފައިވާ ސެލްފީއެއް ސޯނަމް ވަނީ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ.
މިދެތަރިން މި ފިލްމުގައި ކުޅެނީ ކޮން ކޮން ރޯލުތަކަކުން އަދި ޔަގީންނުވި ނަމަވެސް ސޯނަމް އާއި އަނުޝްކާ އާ ދެމީހުންގެ ތެރެއިން ކޮންމެ ވެސް އެއް ބަތަލާ އަކު ފެނިގެންދާނީ ސަންޖޭގެ ފުރަތަމަ އަންހެނުން ރިޗާގެ ރޯލުން ކަމަށްވެ އެވެ.
މި ފިލްމުގައި ސަންޖޭ ދަތާއި ބަތަލާ މާދުރީ ޑިކްޝިޓާ ދެމެދު އޮތް ލޯބީގެ ގުޅުން ވެސް ފެނިގެންދާނެ ކަމަށް ވަނީ އަޑުތައް އަރާފަ އެވެ.
ވަރަށް އަވަހަށް އަނުޝްކާ މި ފިލްމުގެ މަންޒަރުތަައް ނަގައި ނިންމާލުމަށްފަހު އަންނަ މަހު ރިލީޒްކުރާ އޭނާގެ ފިލްމު "ޖަބް ހެރީ މެޓް ސޭޖަލް" ގެ ޕްރޮމޯޝަންތަކުގައި ބައިވެރިވުމަށް އެނބުރި އިންޑިއާ އަށް އަންނާނެ އެވެ.
ސަންޖޭގެ މިހާރުގެ އަންހެނުން މާނިޔަތާ ދަތްގެ ރޯލުން ފެނިގެންދަނީ ދީއާ މިރްޒާ އެވެ. އަދި މަަންމަގެ ރޯލުން މަނީޝާ ކޮއިރަލާ ފެނިގެންދާއިރ ބައްޕަ ސުނިލް ދަތްގެ ރޯލުން ފެނިގެންދަނީ ޕަރޭޝް ރާވަލް އެވެ.
ސަންޖޭގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ރަންބީރު ވަނީ ބަރުދަން އިތުރުކޮށް ގައިގެ މަސްތައް ވެސް ވަރުގަދަކޮށްލާފަ އެވެ. އަދި ސަންޖޭގެ ޒުވާން ދުވަސްވަރުގެ ރޯލު ކުޅުމަށް ބަރުދަން ލުއިކޮށް ހިއްކާލާފަ އެވެ.
ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ނިންމާލާނެ ކަމަށް ބެލެވޭއިރު ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ.