ބޮލީވުޑް

އިންޒާރާއެކު "ރާޒީ" ގެ ޝޫޓިން މުމްބާއީއަށް

Jul 20, 2017

ޒުވާން ދެތަރިން ކަމަށްވާ އާލިއާ ބަޓާއި ވިކީ ކޯޝަލް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަކީ މޭގްނާ ގުލްޒާރު ޑައިރެކްޓްކުރާ "ރާޒީ" އެވެ.

ވާހަކަ ލިޔުންތެރިޔާ ހަރިންދަރް ސިއްކާގެ ބެސްޓް ސެލިން ނޮވެލް، ކޯލިން ސެހެމަތް ގެ އަސްލަކަށް އުފައްދާ މި ފިލްމުގެ ޝޫޓިންގެ ފުރަތަމަ ޝެޑިއުލް ކަޝްމީރުގައި ނަގާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އައިއެސްގެ އިންޑިއާ ގޮފި ކަމަށްވާ ޓެރަރިސްޓް ގަމާއަތް އަންސާރުލް ހިލާފަތް ޖަމްއު ކަޝްމީރުގެ އިންޒާރުގެ ސަބަބުން ފިލްމުގެ ޝޫޓިން މުމްބާއި ގައި ނަގާގޮތަށް ނިންމައިފި އެވެ.

މި ފިލްމަކީ ކަޝްމީރަށް ނިސްބަތްވާ އަންހެން ޖާސޫސަކު ޕާކިސްތާނުގެ އާމީ އޮފިސަރަކާ ކައިވެނިކޮށް، ކަޝްމީރަށް ޖާސޫސްކޮށްދޭ ގޮތް ފެނިގެންފާ ފިލްމެކެވެ.

އެހެންކަމުން ފިލްމުގެ އެންމެ މުހިންމު މަންޒަރުތައް ނަގާ ގޮތަށް ހަމަޖެހިފައި ހުރީ ކަޝްމީރުގައި ނަމަވެސް އެ ސަރަހައްދުގައި މިހާރު ވެސް ކުރިއަށްދާ ހަމަނުޖެހުންތަކުގެ ސަބަބުން ފިލްމުގެ ޝޫޓިން ކަޝްމީރުގައި މިހާރަށް ކުރިއަށް ނުގެންދާ ގޮތަށް ވަނީ ނިންމާފަ އެވެ.

މި ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވާ ގޮތުގައި ކަޝްމީރުގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ހުއްދަ ނުލިބުމުންނާއި އަންސާރުން ހިލާފަތް ޖަމްއު ކަޝްމީރު ޖަމާއަތުން ފުލުންނާއި އާންމުންނަށް ބިރުދައްކައި ހަދަމުންދާތީ ކަޝްމީރުގެ މަސްރަހު ވަރަށް ގޯސްކޮށް އޮތުމުން ފިލްމުގެ ޝޫޓިން ކަޝްމީރުގައި ކުރިއަށް ނުގެންދިއުމަކީ ހުރިހާ އެންމެންނަށް އެންމެ ރައްކާތެރި ގޮތަށް ފެނުނު ގޮތް ކަމަށް ބުނެފަ އެވެ.

ކަޝްމީރަކީ މި ފިލްމުގެ އެންމެ މުހިންމު މަންޒަރުތައް ނަގަން ޖެހޭ އެއް ތަނަށް ވުމުން ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުން ވަނީ މުމްބައިގައި ތައްޔާރުކުރާ ސެޓެއްގައި ކަޝްމީރުގައި ނަގަންޖެހޭ މަންޒަރުތައް ނަގަން ނިންމާފަ އެވެ.

އެގޮތުން ފިލްމު ސިޓީގައި ކަޝްމީރު ރަމްޒުކޮށްދޭ ގޮތަށް ހަދާ ބޮޑު ސެޓު ހެދުމަށް ކަޝްމީރުގެ މަސައްކަތްކުރާ މީހުންތަކެއް ބައިވެރިވާނެ އެވެ. އެއީ ކަޝްމީރުގެ ގެތައް ހުންނަ ގޮތަށް ފިލްމުގެ ސެޓުގައި ގެތަށް ހެދުމަށާއި މީހުންގެ އާދަކާދަތައް ހުންނަ ގޮތް ދަސްކޮށްދިނުމަށެވެ. އެގޮތުން ފިލްމުގެ ސެޓު ތައްޔާރުވުމާ ހަަމައަށް ފިލްމުގެ މެމްބަރުންނަށް ހާއްސަ ވޯކްޝޮޕްތަކެއް ވެސް ހިންގާނެ ކަމަށްވެ އެވެ.

ކަޝްމީރު ރަމްޒުކޮށްދޭ ސެޓު ނިމެންވާއިރަށް މި މަހުގެ ފަހުކޮޅު ފިލްމުގެ ޝޫޓިން ޕަންޖާބުގައި ފަށާނެ އެވެ، އެއަށްފަހު މުމްބައިގައި ނަގަންޖެހޭ މަންޒަރުތައް ނަގައި، އެންމެފަހުގެ މަންޒަރުތައް ނަގާނީ ދިއްލީގަ އެވެ.