ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އޭޝިއާގައި ކުޅޭ ކޮލިފައިންގެ ދެވަނަ ބުރުގެ ގުރޫޕް ސީގައި ޗައިނާ އާއި ގަތަރާއި ބޫޓާން އަދި ހޮންކޮންގްއާއެކު ދިވެހިރާއްޖެ ލައްވާލައިފި އެވެ.
މި ގުރޫޕްގައި ހިމެނޭ އޭޝިއާގެ ވަރުގަދަ ޓީމެއް ކަމަށްވާ ޗައިނާ ވަނީ 2002 ވަަނަ އަަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގައި ވެސް ރާއްޖެއާ އެއް ގުރޫޕެއްގައި ވާދަކޮށްފަ އެވެ. ޗައިނާގައި އެ ފަހަރު ކުޅުނު މެޗުގައި ރާއްޖެ އަތުން 10-1 އިން ޗައިނާ މޮޅުވިއިރު، މާލޭގައި ރާއްޖެ އަތުން ޗައިނާ މޮޅުވީ 1-0 އިންނެވެ.
ވޯލްޑް ކަޕް 2022 ވަނަ އަހަރު ބާއްވާ ގައުމު ކަމަށްވާ ގަތަރަކީ މެދުއިރުމަތީގެ ވަރުގަދަ ޓީމެކެވެ. ފީފާ ރޭންކިންގެ 157 ވަނަައިގައި އޮތް ހޮންކޮންގް އަކީ ވެސް ފަސޭހަ ޓީމަކަށްނުވާނެ އެވެ.
ސާކް ސަރަހައްދުގެ އެންމެ ބަލި ޓީމުގެ ގޮތުގައި ބެލެވިފައިވާ ބޫޓާން ކޮލިފައިންގެ ދެވަނަ ބުރަށް ކޮލިފައިވީ ޕްލޭއޮފްގައި ސްރީލަންކާ ބަލިކުރުމަށް ފަހު އެވެ. މިއީ ބޫޓާން ކޮލިފައިންގެ ދެވަނަ ބުުރުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ކޮލިފައިންގެ ދެވަނަ ބުރުގެ ފުރަަތަމަ މެޗުތައް ކުޅޭނީ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ. ދެވަނަ ބުރުގެ މެޗުތައް ނިމޭނީ އަންނަ އަަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހު އެވެ.
ރާއްޖެ ކޮލިފައިންގައި ކުޅެންޖެހޭ ފުރަތަމަ މެޗުގައި ޖޫން މަހުގެ 11 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ގަތަރާ ދެކޮޅަށެވެ.
ދެވަނަ ބުރުގައި އަށް ގުރޫޕުން ވެސް އެއްވަނަ ހޯދާ އަށް ޓީމާއި ދެވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ކޮލިފައިންގެ ތިން ވަނަ ބުރާއި 2019 ވަނަ އަހަރު އޭޝިއަން ކަޕް އިން ޖާގަ ލިބޭނެ އެވެ. މި އަހަރުން ފެށިގެން އޭއެފްސީން ނިންމާފައިވަނީ ވޯލްޑް ކަޕް ކޮލިފައިން އާއި އޭޝިއަން ކަޕްގެ ކޮލިފައިން އެއްކޮށްލައިގެން ކުރިއަށް ގެންދާށެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅެންޖެހޭ މެޗުތައް:
11 ޖޫން: ރާއްޖެ - ގަތަރު (މާލޭގައި)
16 ޖޫން: ހޮންކޮންގް - ރާއްޖެ (ހޮންކޮންގައި)
8 ސެޕްޓެމްބަރު: ރާއްޖެ - ޗައިނާ (މާލޭގައި)
8 އޮކްޓޯބަރު: ބޫޓާން - ރާއްޖެ (ބޫޓާންގައި)
13 އޮކްޓޯބަރު: ގަތަރު - ރާއްޖެ (ގަތަރުގައި)
12 ނޮވެމްބަރު: ރާއްޖެ - ހޮންކޮންގް (މާލޭގައި)
24 މާޗް 2016: ޗައިނާ - ރާއްޖެ (ޗައިނާގައި)
29 މާޗް 2016: ރާއްޖެ - ޗައިނާ (މާލޭގައި)