ބޮލީވުޑް

ކަނޑިޔަކުން ޖެހި ޒަހަމްވެ ކަންގަނާ ހޮސްޕިޓަލުގައި

Jul 20, 2017

ބަތަލާ ކަންގަނާ ރަނާވަތު މިހާރު ޝޫޓްކުރަމުން އަންނަ ފިލްމު، "މަނިކާނިރުނިކާ: ދަ ކުއީން އޮފް ޖާންސީ" ގެ މަންޒަރެއް ނެގުމުގެ ތެރޭގައި ޕްރޮޕް ކަނޑިޔަކުން ނިތްކުރީގައި ޖެހި ވަރަށް ބޮޑަށް ޒަހަމްވެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ކަންގަނާ އަށް އަނިޔާވީ ކަނޑިން ހަނގުރާމަކުރާ މަންޒަރެއް ނެގުމުގެ ތެރޭގަ އެވެ. ކަނޑިން ޖެހި ނިއްކުރީގެ ބޮޑު ތަނެއް ކަފައިގެން ދިޔައީ ކަނޑި ހޫރާލި ވަގުތު ބޯ ތިރި ކުރަން ޖެހޭ ތަނެއްގައި ކަންގަނާ އަށް ބޯ ތިރި ނުކޮށްލެވުމުނެވެ. ބޮޑު ތަނެއް ކަންގަނާގެ ނިއްކުރިން ކަފައިގެން ދިއުމުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އޭނާ އަށް ވަނީ އައިސީޔޫގައި ފަރުވާދޭން ފަށާފަ އެވެ.

ހައިދަރްއާބާދުގެ އެޕޯލޯ ހޮސްޕިޓަލުގެ އައިސީސީޔޫގައި ފަރުވާދީ ނިއްކުރިން ކަފައިގެން ދިޔަ ތަން ފަހަން ވަނީ 15 ސްޓިޗް ޖަހާފަ އެވެ.

ކަންގަނާ ބެލި ޑޮކްޓަރު ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން އޭނާ ސަލާމަތްވީ މަރުގެ އެތި ފަހަރަކުންނެވެ. ކުޑަ ތަންކޮޅެއް ފުންކޮށް ކަނޑައިގެން ދިޔަ ނަމަ އޭނާގެ ބޮލުގެ ނާށި ގަނޑަށް ވަރަށް ބޮޑު ގެއްލުމެއް ލިބުނީސް ކަމަށް ބުނެފައިވާ ކަމަށެވެ.

ފިލްމުގެ ޕްރޮޑިއުސަރު ކަމަލް ޖެއިން ބުނެފައިވަނީ ކަންގަނާގެ ނިއްކުރީގައި ކަނޑިން ޖެހި އަނިޔާވީ ކަނޑިން ހަނގުރާމަކުރަމުން ދިޔަ މަންޒަރުގައި އޭނާ ބޯ ތިރިކުރަން ޖެހޭ ތަނުގައި ބޯ ތިރިނުކުރެވި ކަމަށާއި އެ މަންޒަރުކުރިން ނަގާގޮތަށް އޮތީ ބޮޑީ ޑަބަލް އެއް ބޭނުންކޮށްގެން ނަމަވެސް ކަންގަނާ ބޭނުންވީ އޭނާ އަމިއްލަ އަށް އެ މަންޒަރުކުޅެން ކަމަށް ބުނެފަ އެވެ.

އަދި ކަންގަނާ އަށް އަނިޔާވެ ޝޫޓިންގެ ލޮކޭޝަނުން ހޮސްޕިޓަލަށް ދާން ބައިގަޑިއެއްހާއިރު ނެގި ކަމަށާއި އެ ވަގުތު ގިނަ އަދަދެއްގެ ލޭ ފާބައި ވަރަށް ބޮޑަށް ކަންގަނާ އަށް ތަދުވި ނަމަވެސް އޭނާ ވަރަށް ހިތްވަރުގަދަ ކަމަށް ބުނެފަ އެވެ.

ކުރިއަށް އޮތް ހަފްތާއެއް ހާ ދުވަހު ކަންގަނާ ހޮސްޕިޓަލުގައި އޮންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ކަނޑިން ޖެހި ކަނޑައިގެން ދިޔައީ ކަންގަނާގެ ބުމަ ކައިރި ކަމުން އޭނާގެ ނިއްކުރީގައި ބޮޑު ލަކުނެއް އިންނާނެ ކަމަށް ޑޮކްޓަރު ވަނީ ބުނެފަ އެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ނިމުމުގެ ކުރިން އެ ލަކުނު ފިލުވާލަން އެއްވެސް ކަމެއް ކުރާކަށް ކަންގަނާ ބޭނުމެއްނުވެ އެވެ.

ކަންގަނާ ވަނީ އޭނާގެ ނިއްކުރީގައި ޒަހަމްގެ ސަބަބުން ލާ ލަކުނާ އެކު ޝޫޓިން ކުރިއަށް ގެންދަން ނިންމާފަ އެވެ.

ޓީވީ ތަރި އަންކިތާ ލޯކަންޑޭ ވެސް މުހިންމު ރޯލަކުން ފެނިގެންދާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ ތެރޭގަ އެވެ.