ހަބަރު

މުޖުތަމައު އަމާން ކުރަން ސަރުކާރަށް ބާރުތަކެއް ލިބެން ޖެހޭ: ރައީސް

މުޖުތަމައު އަމާން ކުރެވޭނީ ގާނޫނުތަކުގެ ތެރެއިން މިހާރަށް ވުރެ ބޮޑެތި ބާރުތަކެއް ލިބިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ލ. ގަމާއި ފޮނަދު އާ ދެމެދު ހަދާ ލިންކް ރޯޑް، "ހައްދުންމަތީގެ ބޮޑު މަގު" މަޝްރޫއު ފެށުމަށް ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުޖުތަމައު އަމާންކޮށް ދުޅަހެޔޮ ވެއްޓަކަށް ގާއިމް ކުރުމުގެ ޒިންމާ އެޅިފައި އޮތީ އެމަނިކުފާނުގެ ބޮލުގައި ކަމަށެވެ. އަދި އެ ޒިންމާ ރަނގަޅަށް އަދާ ނުކުރެވި މާލޭގެ މަގުމަތީގައި މުޖުރިމުން ޖަރީމާ ހިންގަން ދޫވެފައި ތިބުމަކީ ސަރުކާރެއް ފެއިލް ވެދާނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ ކަންތައްތަކުގެ ސަބަބުން ރައްޔިތުން މާޔޫސްވާ އިރު، އެކަމާ މެދު ސުވާލު ކުރާނީ އެއިރެއްގައި އޮންނަ ސަރުކާރެއްގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އެފަދަ ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް އެ ކަންތައްތައް ހުއްޓުވަން ސަރުކާރަށް މިހާރު މި ވަނީ ބާރު ލިބިފަ އެވެ. އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މާރާމާރީ އާއި ބިރު ދެއްކުން ފަދަ ކުށްތައް ކުރާ ފަރާތްތަކަށް ފުލުހުންގެ ތަހުގީގުގައި ހަނުހުރުމުގެ ހައްގު ނުލިބޭނެ އެވެ.

"މިއަދު މި ފާސްވި ބިލްގެ ސަބަބުން އަޅުގަނޑު ދަންނަވާނީ ކުށްވެރިން ހުއްޓުވުމުގެ ޖާގަ އަދި ބާރު ސަރުކާރަށް ލިބިގެން ހިނގައްޖޭ. މުޖުތަމައެއް އަމާން ކުރުމުގައި ސަރުކާރަށް ބާރުތަކެއް ލިބެން އެބަ ޖެހޭ. އެ ކަންކަން މަގު ފަހިކޮށް ދިނުމުގައި އަޅުގަނޑުމެންގެ މަޖިލީހުގެ މެންބަރުން ކުރައްވާ މަސައްކަތް އެބަ ފާހަގަ ކުރަން. އެ ފުރުސަތުތައް ސަރުކާރަށް މަޖިލީހުގެ ތެރެއިން އެބަ ތަނަވަސްކޮށްދޭން ޖެހިވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީން ދީފައި އޮތް މިނިވަން ކަމެއް ހަނި ކުރުމަކީ އެ ކަމުގެ ސަބަބުން މުޅި މުޖުތަމައުގެ ހައްގަށް އުނިކަމެއް އަންނާނެ ކަމެއް ނޫނެވެ. އަދި އެފަދަ އިސްލާހުތަކަކީ ގާނޫނު ތަންފީޒު ކުރަން ތިބޭ ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުން ކުރާނެ އިސްލާހުތަކެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެކަމުގެ ޔަގީންކަން ރައީސް ރައްޔިތުންނަށް މިރޭ ދެއްވި އެވެ. އަދި އެފަދަ އިސްލާހުތަކަށް ޖެހިލުންވުމެއް ނެތި މަޖިލީހުގެ މެންބަރުން ތާއީދުކޮށްދެއްވުމުގައި ދެމި ތިއްބެވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"ޕްރިންސިޕަލް އަކީ ގާނޫނު އަސާސީގައި އެ އޮންނަ ހައްގުތައް ބޭނުން ކުރަން ޖެހޭނީ އަނެއްކާކެ ހައްގަށް އުނިކަމެއް ނާންނަ ހެންނޭ. އެހެން ނޫން ކަމަށް ވާނަމަ އެކަން ހުއްޓުވުމުގެ ބާރެއް އެބަ އޮންނަން ޖެހެޔޭ. މިފަދަ އިސްލާހުތަކަކީ މުޖުތަމައުގައި ޖަރީމާތައް ހުއްޓުވުމަށް ސަރުކާރަކަށް ކޮންމެހެން މުހިންމުވާނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.