އެމްޑީޕީ ޓިކެޓްގައި ރައްޔިތުން މަޖިލީހުގެ އިންތިހާބުވި މެންބަރުންގެ ތެރެއިން ޕީޕީއެމަށް ބަދަލުވި މެންބަރުންގެ ގޮނޑި ގެއްލުވާލެވިދާނެ ކަމަށް އިންޒާރު އެމްޑީޕީން ދީފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން ޕީޕީއެމްއަށް ބަދަލުވި މެންބަރުން ކަމަށްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާއި ވެލިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޔާމީނާއި ތުޅާދޫ ދާއިރާގެ މެންބަރުން ނާޒިމް ރަޝާދުގެ ގޮނޑި ޕާޓީގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ފޮނުވާ ސިޓީއަކުން ގެއްލުވާލެވޭނަމަ އެކަން ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން މިގޮތަށް ވިދާޅުވެފައި މި ވަނީ، ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް ނިސްބަތްވާ ހަތަރު މެންބަރަކު އެ ޕާޓީން ވަކިކުރުމުގެ ސަބަބުން އެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މަޖިލީހަށް އަންގައި ބައި އިލެކްޝަން އިއުލާން ކޮށްފައިވާތީ އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އީސީއިން އިއްޔެ އިއުލާން ކުރި މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ. އެބޭފުޅުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް އިން ނިންމި ނަމަވެސް ސުޕްރީމް ކޯޓްގެ ހުކުމުގެ މާ ކުރިން އެބޭފުޅުން ޕީޕީއެމް އިން ވަކިކުރިކަން އެބޭފުޅުންއަށް ވަނީ އަންގައިފަ އެވެ.
ހަތަރު މެންބަރުންގެ ގޮނޑި ގެއްލުނުކަމަށް ވިދާޅުވެ މަޖިލީހުން މިއަދު ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު އަހުމަދުގެ އިތުވާރު ނެއް މައްސަލަ ބާތިލް ކުރިކަން މެންބަރުންނަށް އަންގާފަ އެވެ.