ހަބަރު

އާއިލާއަށް ކުރިމަތިވެފައިވާ ހާލަތާމެދު ހިތާމަ ކުރަން: ދުންޔާ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އާއިލާއަށް ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ދަތި ހާލަތާމެދު އެމަނިކުފާނުގެ ދޮށީ ދަރިކަނބަލުން ދުންޔާ މައުމޫން ހިތާމަ ފާޅުކުރައްވައިފި އެވެ. ދުންޔާ މިހާރު ހުންނެވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގަ އެވެ.

ދުންޔާ މިއަދު އެކަމަނާގެ ފޭސްބުކްގައި ލިޔުއްވާފައިވަނީ، އެ އާއިލާއަށް ކުރިމަތިވެފައިވަނީ ދަތި، އަދި ހިތާމަވެރި ދުވަސްތަކެއް ކަމަށެވެ. ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށްގެން ގެންދިޔުމުން ހިތާމަ ކުރައްވާ ކަމަށެވެ.

ދުންޔާ އިތުރަށް ވިދާޅުވީ، ފާރިސް ހައްޔަރު ކުރުމުން 2011 ވަނަ އަހަރު އަނެއް ކޮއްކޯފުޅު ގައްސާނު މައުމޫން ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ދުވަސް މަތިން ހަނދާންވާ ކަމަށެވެ. އެއީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ގައްސާން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރިއިރު އެންމެ އަރިހުގައި އޭރު ހުންނެވީ ދުންޔާ މައުމޫނެވެ. އެ ދުވަހުގެ ބައެއް ތަސްވީރުތައް ވެސް ދުންޔާ ވަނީ ހިއްސާކުރައްވާފަ އެވެ.

ދުންޔާ ވިދާޅުވީ، ޕޮލިޓިކްސް އާއި އާއިލާ އޮތީ ގުޅިފައި ކަމަށާއި އެއީ ނިމުމެއް ނެތް ހިތުގެ ރިހުމެއް ކަމަށެވެ. އަދި، މި އުނދަގޫ ދަނޑިވަޅުގައި ބައްޕާފުޅު، މައުމޫން އާއި މަންމާފުޅު ނަސްރީނާ އިބްރާހިމް އަދި އެއްބަނޑު އެއްބަފާ ބޭފުޅުންނަށް ހިތްވަރާއި ކެތްތެރިކަން ދެއްވުމަށް އެދި ދުއާކުރައްވާ ކަމަށް ދުންޔާ ވަނީ ވިދާޅުވި އެވެ.

ގައްސާނު ފުލުހުންގެ އިދާރާއަށް ގެންދިޔައިރު ދުންޔާ އެންމެ އަރިހުގައި ހުންނެވިއިރު ފާރިސް ހައްޔަރުކޮށްގެން މާފުށީ ޖަލަށް ގެންގޮސްފައިވާއިރު ވެސް ފާރިސްގެ ދިފާއުގައި ދުންޔާ މަސައްކަތް ނުކުރައްވާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އަދިވެސް ސަރުކާރުގެ މަގާމުގައި ހުންނަވާތީ ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ގައްސާން މައުމޫން ވެސް ހުންނެވީ ސަރުކާރުގެ އިސް މަގާމެއްގަ އެވެ. ފާރިސް މައުމޫން ހައްޔަރުކުރުމާއި ގެ ބަލާފާސްކުރިއިރު އާއި ކޯޓަށް ހާޒިރުކުރާ ވަގުތުތަކުގައި ވެސް ފާރިސްގެ އަނެއް ދައްތަ، ޔުމްނާ މައުމޫން ވަރަށް އަރިހުގައި ހުންނަވަ އެވެ. އަދި ފާރިސް އާއި ރައީސް މައުމޫންގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވަ އެވެ.

ފާރިސް ހައްޔަރުކުރި ދުވަހު ވެސް ދުންޔާ ވަނީ ޓްވީޓެއް ކުރައްވައި، މާނަ ފުން މެސެޖެއް ދޫކޮށްލައްވާފަ އެވެ.

ދުންޔާ އާއި ފާރިސް އަކީ ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ބޭބެ ވިދާޅުވާ ދެ ބޭފުޅުންނެވެ. މީގެ ކުރިން ދުންޔާ ވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވާ ދުވަސްތަކެއް ވަންދެން ސަރުކާރާ ދުރުގައި ހުންނަވާފަ އެވެ. އެފަހަރު އިސްތިއުފާ ދެއްވީ، ރައީސް މައުމޫނާއި ރައީސް ޔާމީންއާ ދެމެދު ހިޔާލު ތަފާތުވުންތައް ބޮޑުވެ ރައީސް މައުމޫން ފާޅުގައި ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވެމުންނެވެ. ނަމަވެސް އޭގެ ފަހުން އެކަމަނާ ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ކަމަށް ވަޑައިގެންނެވީ "ގައުމަށް ހިދުމަތް ކުރައްވަން ބޭނުންވާ" ކަމަށް ވިދާޅުވެ އެވެ.

ފާރިސް އާއި ރައީސް މައުމޫނަށް އެކި ގޮތްގޮތުން ސަރުކާރުގެ ފަރާތުން އުނދަގޫތައް ކުރިމަތިވާއިރު ވެސް ދުންޔާ އާއި ގައްސާން ސަރުކާރުގައި ތިއްބުމުން ސުވާލު އުފައްދައި އުފެއްދުމަށް ޔުމްނާ ވަނީ ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ޖަވާބު ވެސް ދެއްވާފަ އެވެ. ޔުމްނާ ވިދާޅުވީ، ކޮންމެ އާއިލާއެއްގައި ވެސް ސިޔާސީ ގޮތުން ހިޔާލު ތަފާތު މީހުން ތިބޭނެ ކަމަށެވެ. އެއީ ހަމައެކަނި އެ އާއިލާއަށް ހާއްސަ ކަމެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގެ ބޭފުޅުންގެ ތެރެއިން ދުންޔާ އާއި ޔުމްނާއަކީ އެއްމާބަނޑު ދެބެންނެވެ. އެ ދެބެންގެ ހަގަށް ތިއްބަވަނީ ފާރިސް އާއި ގައްސާނެވެ.