ހަބަރު

އިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތް ހުއްޓުވައިފި

"ހަވީރު ސައި" ގެ ނަމުގައި އެމްޑީޕީގެ ހަރުގެ އާއި ހަރުގެއިން ބޭރުގައި ކުރިޔަށް ގެންދިޔަ ހަރަކާތް ފުލުހުން ހުއްޓަވައިފި ބައެއް މީހުން ހައްޔަރުކޮށްފި އެވެ. މި ހަރަކާތް ރޫޅައިލި އިރު އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ވެސް ހަރުގޭގައި ކުރިއަށް ދިޔައެވެ.

އިދިކޮޅު އެއްވުން ރޫޅާލައި މީހުން ދުރަށް ޖައްސާފައިވާއިރު މަޖީލީހުގެ މެންބަރެއް ކަމަށް އަލީ އާޒިމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި އާންމު ދެ މީހަކާއެކު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއްވުން ރޫޅައި ލުމަށް ފުލުހުން ޕެޕާސްޕްރޭ ބޭނުން ކޮށްފައިވާ ކަމަށް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުންޏެވެ.

އެއްވުމުގެ ހަރަކާތް ރޫޅައިލީ ހަރުގެ ކައިރިން ޝުއޫރުތައް ފާޅު ކުރުމަށްފަހު މަގު މައްޗަށްނުކުމެ ހިނގައިގަތުމުން ކަމަށް ވެއެވެ. ސަރަހައްދު ބަންދު ކުރުމަށް ފަހު މިހާރު ވަނީ ހުޅުވަލާފަ އެވެ.

އެމްޑީޕީން މިއަދު އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓްލުން އެ ސަރަހައްދުގައި ކުރިޔަށް ދިޔައިރު އެފަދަ އެއްވެސް އިންތިހާބެއް ބާއްވާކަން ކުރިން ފުލުހުންނަށް އަންގާފައި ނުވާ ކަމަށް ފުލުހުން ވަނީ މިރޭ ބުނެފަ އެވެ.