މާލޭގެ ކާނިވާ ސަރަހައްދަށް އުދަ އަރައި އެސަރަހައްދުގައި ފެންބޮޑުވެއްޖެ އެވެ.
ކާނިވާ ސަރަހައްދަށް އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކް ކޮށްފައިވާ ގިނަ އުޅަނޑުތަކަށް ވަނީ ލޮނުގެ އަސަރު ކޮށްފަ އެވެ. އަދި އެ ސަރަހައްދުގެ ބޮޑު ބައެއްގައި ވަނީ ލޮނުއަރައި ފެން ބޮޑުވެފަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ހުރި ކެފޭތަކަށް ލޮނުގެ އަސަރު ކޮށްފައިނުވާ ނަމަވެސް ކެފޭތަކަށް ވަނުމަށް އާންމުންނަށް ވަނީ ދަތިތަކާއި ކުރިމަތިވެފަ އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އޮފީހުން ބުނީ ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އުދައަރާނެ ކަމަށް ލަފާ ކުރެވެނީ ދިޔަވަރު އެންމެ ބޮޑުވާ ވަގުތުތަކުގައި ކަމަށެވެ. އަދި މިދުވަސް ވަރަކީ ކަނޑުގެ ދިޔަވަރު ބޮޑު ދުވަސް ކޮޅެއް ކަމުން އުދައެރުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށެވެ.
މެޓުން ބުނީ މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވާރޭ ވެހޭނެ ކަމަށާއި ހާއްސަކޮށް ދެކުނުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"ލަފާ ކުރެވެނީ ކުރިއަށް އޮތް ދެތިން ދުވަހުވެސް އުދަ އަރާނެ ކަމަށް. އެންމެ ބޮޑަށް ލަފާ ކުރެވެނީ ދިޔަވަރު ބޮޑުވާ ގަޑީގައި އުދައެރުން. މެންދުރު ނޫނީ ރޭގަނޑު އެގާރައިގެ ފަހުން އެންމެ ބޮޑަށް ދިޔަވަރު ބޮޑުވާނީ" މެޓް އޮފީހުން ބުންޏެވެ.
މިދިޔަ މަހުވެސް ވަނީ މޫސުން ގޯސްވެ މާލޭގެ އެކި ސަރަހައްދުތަކަށް އުދަ އަރައި ފެން ބޮޑުވެފަ އެވެ. އަދި އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ކާނިވާ ސަރަހައްދުގައި އެވެ.