ބޮލީވުޑް

ކުޑަ ރޯލެއް ކުޅެން ޖެހޭތީ ޖެކުއަލީން ފިލްމު ދޫކޮށްލައިފި

Jul 23, 2017

ވިޕުލް ޝާހް ޑައިރެކްޓްކުރާ "ނަމަސްތޭ އިންގެލެންޑް" ގެ ވާހަކަ މިހާރު މާ ގަދަޔަށް ދެކެވެން ފަށާފައިވަނީ އެ ފިލްމުގެ ނަމުގެ ރައިޓްސް ދޫކޮށްކަން، މި ސިލްސިލާގެ ފުރަތަމަ ފިލްމު، "ނަމަސްތޭ ލަންޑަން" ގެ ލީޑްރޯލުުން ފެނިގެންދިޔަ އެކްޓަރު އަކްޝޭ ކުމާރު ދެކޮޅު ހެދުމުންނެވެ.

އެ ފިލްމުގެ ނަން "ނަމަސްތޭ ކެނެޑާ" އަށް ބަދަލުކޮށް ފިލްމުގެ ޝޫޓިން ފަށަން ވިޕުލް ތައްޔާރުވަމުން އަންނައިރު، މި ފިލްމުގެ ލީޑްތަރިންނަށް ހަމަޖެހިފައިވަނީ އަރްޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާ އެވެ.

އަރްޖުން އާއި ޕަރިނީތީ އާއެކު މި ފިލްމުގެ ދެވަނަ ބަތަލާގެ ރޯލު ކުޅެން މަޝްހޫރު ބަތަލާ ޖެކުއަލީން ފާނެންޑޭޒް އަށް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އޭނާ އަށް ވުރެން ޖޫނިއާ ބަތަލާ އެއްގެ ދެވަނަ ބަތަލާގެ ރޯލު ކުޅެން ދެކޮޅު ހަދައި ޖެކުއަލީން ވަނީ އެ ރޯލު ދޫކޮށްލާފަ އެވެ.

ހަބަރުތައް ބުނާގޮތުން ޖެކުއަލީން މިހާރު ބޮޑެތި ތަރިންނާއެކު ފިލްމުތައް ކުޅެމުން އަންނައިރު، އެއްވެސް ފިލްމެއްގައި ވެސް ކުޑަ ރޯލެއް ކުޅެން އޭނާ ދެން ބޭނުމެއްނުވެ އެވެ.

ޖެކުއަލީން ފިލްމު ކުޅެދޭ އަގު ވެސް ޕަރިނީތީ ފިލްމު ކުޅެދޭ އަގަށް ވުރެން ބޮޑުއިރު އޭނާ އަށް ވުރެން ކުޑަ ތަރި އަކާ އެކު ކުޑަ ރޯލެއް ކުޅެން ވަނީ ދެކޮޅު ހަދާފަ އެވެ.

ޖެކުއަލީންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސިދާތް މަލްހޯތުރާ އާއެކު ކުޅެފައިވާ "އަ ޖެންޓްލްމަން" އާއި ވަރުން ދަވަން އާއި ތާޕްސީ ޕަނޫ އާއެކު ކުޅޭ "ޖުޅްވާ 2" އާއި ސަލްމާން ޚާނާ އެކު ކުޅޭ ރެމޯ ޑިސޫޒާގެ ފިލްމެއް ހިމެނެ އެވެ.

މީގެކުރިން ޖެކުއަލިންގެ ނިކުތް "ހައުސްފުލް 2" އާއި "ހައުސްފުލް 3" ގައި ވަނީ އޭނާ އާއެކު އިތުރު ދެ ބަތަލާ އަކު ފެނިގެން ގޮސްފަ އެވެ.