ބޮލީވުޑް

"ޕަދްމާވަތީ" އަށްފަހު އިތުރު ފިލްމެއް ޝާހިދަކަށް ނެތް

Jul 24, 2017

އެކްޓަރު ޝާހިދު ކަޕޫރު އަންނަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފައްދާ ތާރީހީ ލޯބީގެ ފިލްމު "ޕަދްމާވަތީ" ގައި މުހިންމު ރޯލެއް ކުޅެމުންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ޝޫޓްކުރަމުން އަންނަ މި ފިލްމަށް ފަހު އިތުރު ފިލްމެއް ކުޅެން އަތުގައި ނެތް ކަމަށް ޝާހިދު ވަނީ ބުނެފަ އެވެ. ޝާހިދު ވަނީ "ޕަދްމާވަތީ" އަށް ފަހު ކުޅޭނެ ފިލްމެއް ނެތް ކަމަށާއި ނަމަވެސް އެކަމާ އޭނާ އެއްވެސް ވަރަކަށް ހާސްނުވާ ކަމަށް ބުނެފަ އެވެ.

"އެ ފިލްމަށް ފަހު ކުޅޭނެ ފިލްމަށް ނެތް. އެކަމާ އަހަރެން ހާހެއްނުވޭ. ހާސް ވަނީ ރަނގަޅު ފިލްމެއް ނުކުޅެވެންޏާ،" ޝާހިދު ބުނެފައިވެ އެވެ.

ޝާހިދު އިތުރަށް ވަނީ ދިގު އިންތިޒާރެއްކޮށްގެން ވިޔަސް ރަނގަޅު ފިލްމެއް ކުޅެވޭނަމަ ހިތްހަމަޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުޅެން ބޭނުންވަނީ ރަނގަޅު ވާހަކަތަކުގެ މައްޗަށް އުފައްދާ މޮޅެތި އަދި ބަލާލަން ކަމުދާނެ ކަހަލަ ފިލްމުތައް ކަމަށް ބުނެފަ އެވެ.

"ޕަދްމާވަތީ" އާ ގުޅޭގޮތުން ވާހަކަދައްކަމުން ޝާހިދު ވަނީ އެ ފިލްމުގައި އޭނާ އާއެކު ފެނިގެންދަނީ ވަރަށް ކުޅަދާނަ ދެތަރިން ކަމަށާއި މި ފިލްމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށް ބުނެފަ އެވެ.

މި ފިލްމަކީ ބަންސާލީ އުފައްދާ ފިލްމެއްގައި ޝާހިދު ފެނިގެންދާ ފުރަތަމަ ފަހަރު ނަމަވެސް އޭނާ ދެން އުފައްދާ އެހެން ފިލްމެއްގެ ލީޑްރޯލު ކުޅެން ޝާހިދަށް ހުށަހަޅާފައިވާ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. ބަންސާލީ ދެން އުފައްދަން ނިންމާފައިވާ ފިލްމު، "ޓިއުޒްޑޭ އެންޑް ފްރައިޑޭ" ޝާހިދަށް ހުށަހަޅާފައިވާ ކަމުގެ ވާހަކައާ ގުޅޭގޮތުން އޭނާ ބުނެފައިވަނީ އަދި އިތުރު އެހެން ފިލްމެއް ކުޅެން ސޮއިނުކުރާ ކަމަށެވެ. މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެއް ކަމަށްވެ އެވެ.

"ހައިދަރް" އަށް ފަހު ޝާހިދުގެ ފިލްމީ ކެރިއަރު ވިދާލާފައިވާއިރު، ވޭތުވެދިޔަ ދެ އަހަރެއްގެ ތެރޭގައި އޭނާ ވަނީ މޮޅެތި ފިލްމުތައް ކުޅެފަ އެވެ. މިދިޔަ އަހަރު ނިކުތް "ހައިދަރް" ގައި ތަފާތު މޮޅު އެކްޓިންއެއް ދައްކުވައިގެން ޝާހިދަށް ވަނީ އައިފާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބިފަ އެވެ.

ނަމަވެސް ޝާހިދުގެ އެންމެފަހުން ރިލީޒްވި ފިލްމު "ރަންގޫން" ވަނީ ބޮކްސް އޮފީހުގައި ފްލޮޕްވެފަ އެވެ.