ރަންބީރު ކަޕޫރަކީ ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ހުނަރުވެރި ބަތަލު ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ވަރަށް ގިނަ ފިލްމުތަކުގައި އޭނާ ދައްކާފައިވާ ޕާފޯމަންސްތަކުން ވެސް އޭނާ ވަރުގެ އެކްޓަރެއް ނެތްކަން ވަނީ ސާބިތުކޮށްދީފަ އެވެ. "އަޖަބް ޕްރޭމް ކީ ޣަޒަބް ކަހާނީ" އަކީ ރަންބީރު ކުޅުނު ހުރިހާ ފިލްމުތަކެއްގެ ތެރެއިން ވެސް އޭނާގެ ހުނަރު ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ފިލްމެކެވެ. ކެޓުރީނާ ކައިފް އާއެކު ރަންބީރު ކުޅުނު މި ފިލްމަކީ އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވެސް ވިއެވެ.
ނަމަވެސް މި ފިލްމު އެންމެ ފުރަތަމަ ކުޅެން ލިބުނީ ޝާހިދު ކަޕޫރަށް ކަން އެނގޭ ހެއްޔެވެ؟ ފިލްމުގެ ޑައިރެކްޓަރު ރާޖް ކުމާރު ސަންތޯޝީ އެންމެ ފުރަތަމަ މި ރޯލު ހުށަހެޅީ ޝާހިދު އަށެވެ. ނަމަވެސް ޝާހިދު އެ ފިލްމު ކުޅެން އެއްބަސް ނުވީ އެވެ. ސަބަބަކީ ކޮބައިކަމަށް ހެއްޔެވެ؟ އޭނާ "ޖަބް ވީ މެޓް"ގައި ކުޅުނު ޕްރޭމްގެ ރޯލާއި މި ފިލްމުގައި ކުޅެން ޖެހޭ ރޯލަށް ވަރަށް ބޮޑަށް އެއްގޮތް ކަމަށް ފެނިގެންނެވެ. އެހެންވެ ތަކުރާރުކޮށް އެއް ކަހަލަ ރޯލެއް ނުކުޅެންވެގެން ފިލްމު ދޫކޮށްލީ އެވެ.
ރަންބީރަށް ފިލްމު ލިބުނީ ޝާހިދު ނުކުޅެ ދޫކޮށްލީމަ އެވެ. ކޮންމެއަކަސް ޝާހިދު އަށް ލިބުނު ގެއްލުން ރަންބީރަށް ބޮޑު ފައިދާއަކަށް ވިއެވެ.
ރަންބީރަކީ ކިތަންމެ ހުނަރުވެރި ނަމަވެސް ޚިޔާރު ކުރެވޭ ފިލްމުތަކުގެ ގޮތުން އޭނާއަށް އެކަށީގެންވާ ރަނގަޅު ކާމިޔާބެއް ބޮކްސް އޮފީހުގައި ލިބެމުން ނުދާ އެކްޓަރެކެވެ. ނަމަވެސް "އަޖަބް ޕްރޭމް ކީ ޣަޒަބް ކަހާނީ" ވެގެން ދިޔައީ ރަންބީރުގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށެވެ.
ރަންބީރު ކަޕޫރު ދެން އެންމެ އަވަހަށް ފެންނާނީ އާލިއާ ބަޓް އާއެކު ކުޅޭ "ބްރަހްމަޝްތުރަ" އިންނެވެ. އަޔާން މުކަރުޖީ ޑައިރެކްޓްކުރާ މި ފިލްމުގައި އަމީތާބު ބައްޗަން ވެސް ބައިވެރިވެ އެވެ. ޝާހިދު ކަޕޫރު ކުޅެމުންދަނީ "ޖާޒީ" އެވެ. މިފިލްމުގެ ބަތަލާއަކީ މުރުނާލް ޓާކޫރެވެ.