"ކަބީރް ސިންގް"އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމެވެ. އަދި ފިލްމުގައި ޝާހިދު ކަޕޫރު ކުޅެފައިވާ ރޯލަށް ބެލުންތެރިންނާއި ކްރިޓިކްސް ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. ނަމަވެސް މިހާތަނަށް ބޭއްވި އެއްވެސް ފިލްމީ އެވޯޑު ޝޯއެއްގައި އެ ފިލްމުގެ މޮޅުކަން ފާހަގަ ކޮށްފައެއް ނެތެވެ. ގިނަ އެވޯޑު ޝޯތަކުގައި މި ފިލްމު ވަނީ ވުޖޫދުގައި ވެސް ނެތް އެއްޗަކަށް ހަދާލާފަ އެވެ.
ޓުވިޓާގައި ޝާހިދު ދާދި ފަހުން ފޭނުންގެ ސުވާލުތައް ޖަވާބު ދިނުމަށް ބޭއްވި ސެޝަންއެއްގައި މީހަކު ވަނީ މި ސުވާލު ޝާހިދު އާ ކޮށްފަ އެވެ. އޭނާގެ ސުވާލަކީ "ކަބީރް ސިންގް" ގެ ވާހަކައާ ބެހޭ ގޮތުން މީހުންގެ ހިތްހަމަ ނުޖެހުން ބޮޑުވެފައި ވާތީ އެވޯޑު ޝޯ ތަކުން "ކަބީރް ސިންގް" އާއި ޝާހިދު މުޅިން އެކަހެރިކޮށްފައި ވާތީ އެކަމާ ދޭތެރޭ ދެކެނީ ކޮން ގޮތަކަށްތޯ އެވެ؟ އަދި އެކަމާ ވަރަށް މާޔޫސްވޭ ތޯއެވެ؟
ޖަވާބުގައި ޝާހިދު ބުނީ މާޔޫސް ވުމުގެ ބަދަލުގައި ފޭނުންގެ ހިފެހެއްޓުމެއް ނެތް ލޯތްބަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޭނާ އަށް ފިލްމު ކުޅުމުގައި ދެމި ހުރެވެނީ ފޭނުން އޭނާއަށް ދޭ ލޯބީގެ ސަބަބުން ކަމަށެވެ.
ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓް ކޮށްފައިވާ "ކަބީރް ސިންގް" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. މި ފިލްމު ރިލީޒް ކުރުމުން ވަރަށް ގިނަ ފާޑުކިޔުންތައް ފިލްމަށް އަމާޒުވި އެވެ. ސަބަބަކީ ނެގެޓިވް ކެރެކްޓާއަކަށް ފިލްމުގައި ތާއީދުކޮށް އޭނާ ކުރި ކަންތައްތަކަކީ ރަނގަޅު ކަންތައް ކަމަށް ދައްކަން މަސައްކަތް ކޮށްފައިވާތީ އެވެ. މި ފިލްމުގައި ޝާހިދު ކުޅެފައިވަނީ އަނބިމީހާއަށް ވަރަށް އަނިޔާކުރާ ފިރިއެއްގެ ރޯލެވެ.
ފިލްމުގައި ޝާހިދު ކުޅުނު ރޯލާ ހިތްހަމަނުޖެހުނަސް އޭނާގެ އެކްޓިން ވަރަށް މޮޅުކަމަށް އެންމެން ވެސް އެއްބަސްވެ އެވެ. ޝާހިދުގެ ނަން އެއްވެސް އެވޯޑަކަށް ނޮމިނޭޓްނުވީ އޭނާ ކުޅުނު ނެގެޓިވް ކެރެކްޓާއަށް ތާއީދުކުރަން ބޭނުން ނުވާތީ ކަމަށް ބެލެވެ އެވެ.
ފިލްމުގެ ވާހަކައާ ހިތްހަމަނުޖެހުނަސް ބެލުންތެރިން ވަނީ ފިލްމު ބަލަން ސިނަމާތަކަށް ވަދެ އެމީހުންގެ ހިތުގައި ފިލްމަށާއި ޝާހިދުއަށް އޮތް ލޯބި ވަރަށް ރަނގަޅަށް ހާމަކޮށްދީފަ އެވެ. މުޅި ދުނިޔޭގެ ހުރިހާ ގައުމަކުން ލިބުނު އަދަދުތައް އެއްކޮށްލުމުން "ކަބީރް ސިންގް" އަށް 379 ކްރޯޑުގެ ވިޔަފާރިއެއް ވެފައި ވެއެވެ. މިއީ ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް ވާތީ ފިލްމު އުފެއްދި ފަރާތަށް އެތައް ގުނައެއްގެ ފައިދާ އެއް ލިބިފައި ވެއެވެ.