ޝާހިދު ކަޕޫރު

ޝާހިދާއި މުރުނާލްގެ "ޖާޒީ" ޝޫޓިން އަލުން ފަށަނީ

ޝާހިދު ކަޕޫރާއި މުރުނާލް ޓާކޫރްގެ "ޖާޒީ" ގެ މަސައްކަތް މިދިޔަ މާޗް މަސް ތެރޭ ހުއްޓުނީ ކޮރޯނާވައިރަހުގެ ހާލަތު ގޯސްވާން ފެށުމުންނެވެ. ޝޫޓިން ކުއްލިއަކަށް ހުއްޓާލަން ޖެހުނީ ޗަންދީގަޅްގައި ފިލްމުގެ ޝޫޓިން ވަރަށް ބާރަށް ކުރިޔަށް ދަނިކޮށެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމުގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފުތާގައި ފެށުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފަ އެވެ.

ހަ މަސް ދުވަހަށް ފަހު ފިލްމުގެ ޝޫޓިން ފަށާއިރު ފުރަތަމަ 15 ދުވަހުގެ ޝޫޓިން ޝެޑިއުލް ކޮށްފައި ވަނީ ދެހެރާދޫން އާއި ޗަންދީގަޅް ގައެވެ. ފިލްމަކީ ކްރިކެޓާ ގުޅޭ ފިލްމަކަށް ވިޔަސް ކްރިކެޓް ކުޅޭ މަންޒަރުތައް އަދި ކުރިޔަށް ގެންދަން ހަމަޖެހިފައެއް ނުވެ އެވެ. މިފަހަރުގެ ޝެޑިއުލްގައި ޝޫޓް ކުރާނީ ޝާހިދު އާއި މުރުނާލް ބައިވެރިވާ ޑްރެމެޓިކް މަންޒަރު ތަކެކެވެ. އަދި މި ޝެޑިއުލްގައި ޝާހިދު ފެންނާނީ ތަންކޮޅެއް ދުވަސްވެފައި ހުރި މީހެއްގެ ސިފައިގަ އެވެ.

މި ފިލްމުގެ އިތުރަށް ޝެޑިއުލް އެއް އަދި ފަހުން ފުރިހަމަ ކުރަން ޖެހެ އެވެ. އެއީ ކްރިކެޓް ކުޅޭ މަންޒަރުތައް އެކުލެވޭ ބަޔެކެވެ.
"ޖާޒީ" އަކީ ތެލުގޫ ފިލްމެއްގެ އޮފިޝަލް ރިމޭކް އެކެވެ. ހިންދީ ފިލްމުގައި ޝާހިދު ކުޅެމުންދާ ރޯލު ތެލުގޫ ފިލްމުގައި ކުޅެފައި ވަނީ ނާނީ އެވެ.

މި ފިލްމުގައި ފެންނާނީ އުމުރުން ދުވަސްވެފައިވާ ކްރިކެޓް ކުޅުންތެރިއަކު 10 ވަރަކަށް އަހަރު ކްރިކެޓާ ދުރުގައި ހުރެފައި އަލުން އެ ކުޅިވަރަށް އަންނަން ޖެހޭ ގޮތެވެ.

ފިލްމު އުފައްދާ ފަރާތުން މިހާރު ރާވާފައިވަނީ ޑިސެމްބަރާ ހަމަޔަށް ފިލްމުގެ މަސައްކަތް ނިންމައި އަންނަ އަހަރު ރިލީޒް ކުރާށެވެ. ލޮކްޑައުން ތެރޭގައި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ ބައެއް ވަނީ ނިންމާފަ އެވެ.