ބޮލީވުޑް

އަމްރިތާ އާއި ޝާހިދުގެ "ވިވާ" އަށް 14 އަހަރު

އަމްރިތާ ރާއޯ އާއި ޝާހިދު ކަޕޫރުގެ "ވިވާ" އަކީ ވަރަށް ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދި ވަރަށް ރީތި ފިލްމެކެވެ. ސޫރަޖް ބަރްޖަތިޔާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރިތާ 14 އަހަރު ވީއިރުވެސް ގިނަ ބަޔަކު މި ފިލްމު ހަނދާން ކުރަނީ ދުވަހަކުވެސް ނުބަލާ ވަރުގެ ރީތި ފިލްމެއްގެ ގޮތުގަ އެވެ.

މި ފިލްމަށް 14 އަހަރު ފުރުމުގެ މުނާސަބަތުގައި އަމްރިތާ ކުރި ޓުވީޓްގައި ޝާހިދު އަށާއި ޑައިރެކްޓަރު ސޫރަޖަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައި ވެއެވެ. އަދި މިހާ ގިނަ ދުވަހު ވީއިރުވެސް ވަރަށް ގިނަ ބަޔަކަށް އެންމެ މަގްބޫލު ފިލްމުގެ ގޮތުގައި "ވިވާ" އޮތުމަކީ އުފާކުރާ ކަމެއް ކަމަށް އަމްރިތާގެ ޓުވީޓްގައި ވެއެވެ.

"ވިވާ" އަށް ބޮކްސް އޮފީހުގައި ބޮލޮކްބަސްޓާއެއްގެ ދަރަޖަ ލިބުމުގެ އިތުރުން މި ފިލްމަކީ އަމްރިތާ އާއި ޝާހިދުގެ ކެރިއަރުގެ ވެސް އެންމެ ކާމިޔާބު ފިލްމެވެ.

މި ފިލްމުގައި ދައްކާފައިވަނީ އެންގޭޖްމަންޓަށް ފަހު ކައިވެނި ކުރުމާ ދެމެދު ވޭތުވާ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ޒުވާން ޖޯޑެއްގެ ލޯބި ފައްކާ ވަމުން އައި ގޮތެވެ. އަދި އެންމެ ފަހު ވަގުތު އެމީހުންގެ ހަޔާތުގައި ދިމާވާ ވަރުގަދަ ހާދިސާއެއްގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް އަންނަ ބަދަލެވެ.

މި ފިލްމު ކުޅުނު ދުވަސްވަރު އަމްރިތާ އާއި ޝާޙިދު ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމުގެ ވާހަކަތަކެއް ފެތުރުނެވެ. ނަމަވެސް އަމްރިތާ ވަނީ މި ވާޙަކަ އަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ބުނެފަ އެވެ.

ފިލްމަށް 14 އަހަރު ފުރުނުއިރު އަމްރިތާ އާއި ޝާހިދު ވެސް ވަނީ ކައިވެނިކޮށްފަ ދަރިން ވެސް ލިބިފަ އެވެ. ޝާހިދަށް ދެ ދަރިން ލިބިފައިވާއިރު އަމްރިތާ ވެސް ދާދިފަހުން ވަނީ ފިރިހެން ކުއްޖެއް ވިހާފަ އެވެ.