ފިނިޕޭޖް

އަކްޝޭގެ "ޕްރިތުވީރާޖް" އާއި ޝާހިދުގެ "ޖާޒީ" ކުރިމަތިލުމަކަށް

ޔާޝް ރާޖް ފިލްމްސް އިން 2021 ގައި ރިލީޒްކުރާ ފިލްމުތަކާއި އެ ފިލްމުތައް ރިލީޒްކުރާ ތާރީޚުތައް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.

އެ ކުންފުނިން އިއުލާން ކުރި ފަސް ފިލްމުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވަނީ އަކްޝޭ ކުމާރާއި ރީތީގެ ރާނީ މާނޫޝީ ޗިލާގެ "ޕްރިތުވީރާޖް" އަށެވެ. ނޮވެމްބަރު 5 ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށް އިއުލާން ކޮށްފައިވާ މި ފިލްމަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިފައިވާ ސަބަބަކީ މިއީ އިންޑިޔާގައި ކުރީ ޒަމާނުގައި ހިނގިކަމަށް ބުނާ ތާރީޚީ ވާހަކައަކަށް އުފައްދާ ފިލްމަކަށް ވެފައި ޝާހިދު ކަޕޫރާއި މުރުނާލް ޓާކޫރްގެ "ޖާޒީ" އާ މި ފިލްމު ބޮކްސް އޮފީހުގައި މުޑިއަރާތީ އެވެ. އަދި އަކްޝޭގެ ފިލްމުތައް މި ފަހަކަށް އައިސް ވަރަށް ހިނގާތީ މި ފިލްމު ބަލަން ސިނަމާތަކަށް ގިނަ ބަޔަކު ދާނެ ކަމަށް އުންމީދު ކުރެވެ އެވެ.

މިއަހަރު ރިލީޒްކުރަން ޔާޝް ރާޖުން އިއުލާންކުރި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ރިލިޒްކުރަން ހަމަޖެހިފައިވަނީ "ސަންދީޕް އައުރް ޕިންކީ ފަރާރް" އެވެ. އަރްޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާ ލީޑް ރޯލު ކުޅެފައިވާ މި ފިލްމު އަންނަ މާޗު މަހު 19 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު އެޕްރީލް މަހު ވެސް އެ ކުންފުނިން ޕްރޮޑިއުސްކުރާ ފިލްމެއް ރިލީޒްކުރަން ހަމަޖެހިފައި ވެއެވެ. އެއީ "ބަންޓީ އައުރް ބަބްލީ 2" އެވެ.

މިއީ 2005 ގައި އަބީޝެކް ބައްޗަން އާއި ރާނީ މުކަރުޖީ ކުޅުނު "ބަންޓީ އައުރް ބަބްލީ"ގެ ސީކުއަލް އެކެވެ. މިފަހަރުގެ ފިލްމުގައި ވެސް ރާނީ ބައިވެރިވެ އެވެ.

ރާނީގެ އިތުރުން ސައިފް އަލީ ޚާން އާއި ސިދާންތު ޗަތުރަވޭދީ އަދި ޝަރްވަރީ މުހިއްމު ރޯލުތައް ކުޅޭ މި ފިލްމު ރިލީޒްކުރަނީ އެޕްރީލް 23 ވަނަ ދުވަހު އެވެ.

ކަރަން މަލްހޯތުރާ ޑައިރެކްޓްކޮށްފައިވާ ރަންބީރު ކަޕޫރުގެ "ޝަމްޝޭރާ" ރިލީޒްކުރާނީ ޖޫން 25 ވަނަ ދުވަހު އެވެ. މި ފިލްމުގައި ވާނީ ކަޕޫރާއި ސަންޖޭ ދަތު ވެސް މުހިއްމު ބައިތަކެއް ކުޅެފައި ވެއެވެ.

ރަންވީރު ސިންގްގެ "ޖަޔޭޝްބާއީ ޖޯރްދާރް" ރިލީޒްކުރާނީ އޮގަސްޓް 27 ވަނަ ދުވަހު އެވެ. މި ފިލްމުގައި ބަމަން އިރާނީ ރަތުނާ ޕާތަކް ޝާހް އަދި އަރްޖުން ރެޑީ ބައިވެރިވެ އެވެ. މިއީ ބަތަލާއެއްގެ ގޮތުގައި ޝާލިނީ ޕާންޑޭ ތައާރަފްވާ ފިލްމު ވެސް މެއެވެ.