ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރުނެއް މައްސަލައިގެ ވޯޓުލުން މާދަމާ އޮންނާނެ ކަމަށާއި އެކަމަށް ވާން ހުރި ހުރިހާ ތައްޔާރީއެއް ވަމުންދާ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.
މ. ކުނޫޒުގައި މިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސްގައި ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް ވިދާޅުވީ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެއް މައްސަލަ މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ބާތިލް ކޮށްފައިވަނީ ގަނޫނު އަސާސީއާ ގާނޫނުތަކާއި ހިލާފަށް ކަމަށާއި ގަނޫނު އަސާސީއާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރަން ޖެހޭ ކަމަށެވެ. އަދި މަސީހުގެ އިތުބާރުނެއް މައްސަލަ މާދަމާ އަށް ރީ ޝެޑިއުލްކޮށް އަލުން މަޖިލީހުގެ ޖަލްސާ ބާއްވަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ކުރިން ރޭވިފައިވާ ގޮތަށް މަޖިލީހުގެ ރައީސް ގެ އިތުބާރުނެއް މައްސަލަ އެޖެންޑާ ކުރަން ޖެހޭ ކަމަށާއި އެނޫން ގޮތަކަށް ކަންތައް ކުރައްވައިފި ނަމަ އިދިކޮޅުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މަސީހުގެ އިތުބާރު ނެއް ކަމަށް 45 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށާއި މާދަމާ ވޯޓު ލައިގެން އެކަން ނިންމާނެ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.
"45 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ރައީސްގެ އިތުބާރުނެއް މައްސަލައަށް ސަރުކާރުން ވަނި ނުފޫޒު ހިންގާފައި. މާދަމާ ރީ ޝެޑިއުލްކޮށް އަލުން މަޖިލީހުގެ ޖަލްސާ ބާއްވަން ހަމަ ޖައްސަން ޖެހޭ. ކުރިން ރޭވިފައިވާ ގޮތަށް އެކަންކަން ކުރިއަށް ގެންދަން ޖެހޭ. އެނޫން ގޮތަކަށް ކަންތައް ކުރައްވައިފި ނަމަ އިދިކޮޅު ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅު އަޅާނަން." ރިޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ނުބާއްވަން ނިންމެވި ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމެވި ނިންމުމެއް ކަމަށާއި ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް މަޖިލީހުގެ ރައީސް އަދި ނައިބްރައީސް އަށް ގޮވާލާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރުނެއް މައްސަލަ ހުށާހަޅާފައިވަނި ކޮށް މަޖިލިސް ހުއްޓާލާފައިވާ ކަމަށާއި އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މާދަމާ މަސީހުގެ އިތުބާރުނެއް ކަމުގެ މައްސަލައިގެ ވޯޓު ނެގުމުގެ ޖަލްސާ އަށް ތައްޔާރު ވަމުން އަންނަ ކަމަށާއި އެކަން ހުއްޓާ ނުލާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ
ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު އިތުބާރުނެއް ކަމަށް ހުށަހެޅި މައްސަލަ ބާތިލްވެފައިވާ ކަމަށް މަޖިލީހުގެ ނައިބްރައީސް އަންގައި މަޖިލީހުގެ މެންބަރުންނަށް ވަނީ ސިޓީއަކުން އަންގާފަ އެވެ. އަދި މިއަދު ވަނީ މަޖިލީހުގެ ޖަލްސާއެއް މި ހަފްތާގައި ނޯންނާނެ ކަމަށާއި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހޯމަދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން އަންގާފަ އެވެ..