ހަބަރު

ފަސް ރުފިޔާގެ އާ ނޫޓު ރާއްޖެ ގެނެސްފި

މިދިޔަ އަހަރު ބޭނުން ކުރަން ފެށި ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި ހިމެނޭ ފަސް ރުފިޔާގެ ނޫޓު ޗާޕުކޮށްގެން ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ ފަސް ރުފިޔާގެ ނޫޓު ޗާޕުކޮށްގެން ގެނެސް ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ. ފަސް ރުފިޔާގެ އާ ނޫޓު ތައާރަފްކޮށްފައިވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އެމްއެމްއޭ އިން ކުރިން ބުނެފައިވަނީ އާ ނޫޓު މި މަހުގެ ތެރޭގައި އާންމުންނަށް ބޭނުންކުރަން ދޫކޮށްލާނެ ކަމަށެވެ.

އެ ނޫޓް ޑިޒައިންކޮށްފައި ވަނީ މުވާސަލާތު ކުރުމާއި އިޖްތިމާއީ ގުޅުން ދައްކުވާދޭ ކޮންސެޕްޓެއްގެ މައްޗަށް ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. ފަސް ރުފިޔާގެ ނޫޓުގައި އެއް ފަޅީގައި ސަންގެއް ކުރަހާފައި ހުންނަ އިރު އަނެއް ފަޅީގައި ހުންނަނީ ފުޓުބޯޅަ އާއި ސަގާފީ އެކި ކުޅިވަރުތައް ކުޅޭ މަންޒަރެވެ.

އެމްއެމްއޭއިން ބުނީ ފަސް ރުފިޔާގެ ނޫޓުގައި ވެސް ރަންދިހަފަހެއް ސީރީޒްގެ ނޫޓްތައް ކަމަށްވާ، 10، 20 އަދި 50 ރުފިޔާގައި ހުންނަ ސަލާމަތީ ސިފަތައް ހުންނާނެ ކަމަށެވެ. އަދި ކްލިއާ ވިންޑޯ އެއްފަރާތުން ޓްރާންސްޕޭރަންޓުކޮށް ނޫޓުގެ އަގު ފެންނަން ހުންނާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

ފަސް ރުފިޔާގެ ނޫޓަށް އާންމުން ހޭލުންތެރި ކުރުވުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި އެ ނޫޓު ދައްކާލާނެ އެވެ. އެގޮތުން އެމްއެމްއޭގެ ޓީމްތަކުން ވެލާނާގޭ ސަރަހައްދާއި ވިލިނގިލި އަދި ހުޅުމާލޭ ފެރީ ޓާމިނަލާއި، ޕޯޓްސް ކުރިމަތީގެ އިތުރުން ޖުމްހޫރީ މައިދާނުގައި ނޫޓު ދައްކާލުމުގެ ހަރަކާތްތައް ކުރިޔަށް ދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ނެރެފައިވާ "ރަންދިހަ ފަހެއް" ގެ ނޫޓުތަކުގައި ހިމެނެނީ 10ރ. އާއި 20ރ އަދި 50ރ. އާއި 100ރ. ގެ އިތުރުން 500ރ. އަދި 1،000 ރުފިޔާގެ ނޫޓެވެ. މި ނޫޓުތައް ވެސް ޕްރިންޓް ކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.