ބޮލީވުޑް

ސަބީރް "ދަބަންގް 3" ޑައިރެކްޓްކުރާ ވާހަކަ އަރްބާޒް ދޮގުކޮށްފި

Jul 24, 2017

"ދަބަންގް 3" ގެ ޕްރޮޑިއުސަރުން އެ ފިލްމު ޑައިރެކްޓްކުރާނެ ފަރާތެއް ހޯދަމުން އަންނަތާ ވަރަށް ދުވަސްވެއްޖެ އެވެ. އެންމެފަހުން މި ފިލްމު ޑައިރެކްޓްކުރާނެ ފަރާތެއް ނުވެގެން ވަނީ ފިލްމުގެ ޑައިރެކްޓަރަކަށް ޕްރަބޫދޭވާ ހަމަޖެއްސި ކަމުގެ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ.

ސަލްމާން ޚާން ލީޑްރޯލު ކުޅޭ މި ފިލްމު ޑައިރެކްޓްކުރަން ޕްރަބޫދޭވާ އަށް ހުށަހެޅުމުން މި ސިލްސިލާގެ ދެވަނަ ފިލްމު ޑައިރެކްޓްކުރި ސަލްމާންގެ ކޮއްކޮ އެކަމާ ހިތްހަމަނުޖިހެގެން އުޅުނު ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ. އަދި އޭނާގެ ބަދަލުގައި އެހެން މީހަކަށް މި ފިލްމު ޑައިރެކްޓްކުރަން ދޭން އަރްބާޒް ގަބޫލެއްނޫނެވެ.

ކަން މިހެއް އޮއްވައި "ބާޣީ" ގެ ޑައިރެކްޓަރު ސަބީރް ޚާން ވަނީ މުމްބައި މިރާ ނޫހަށް ދިން އިންޓަވިއުއެއްގައި "ދަބަންގް 3" ގެ ޑައިރެކްޓަރަކީ އޭނާ ކަމަށް ބުނެފަ އެވެ. އަދި ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ކުރަމުން އޭނާ އަންނަ ކަމަށާއި ފިލްމު ޑައިރެކްޓްކުރަން އޭނާއާ ހަވާލުކުރުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށް ބުނެފަ އެވެ.

ސަބީރް ބުނެގެން މި ހަބަރު ފެތުރުނުތާ މާ ގިނައިރުތަކެއް ނުވަނީސް އަރްބާޒް ވަނީ ފިލްމުގެ ޑައިރެކްޓަރަކަށް ސަބީރް ހަމަޖެއްސި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ބުނެފަ އެވެ.

އަރްބާޒް ވަނީ "ދަބަންގް 3" ޑައިރެކްޓްކުރަން ސަބީރް އަށް ދުވަހަކު ވެސް ހުށަނާޅާ ކަމަށާއި އޭނާ ނޫހަށް ދީފައިވާ މައުލޫމާތަކީ ދޮގެއް ކަމަށް ބުނެފަ އެވެ.

އަރްބާޒް ޓްވިޓާގައި އެ ވާހަކަތައް ދޮގުކުރުމުން ސަބީރް ވަނީ އޭނާ އެ ފިލްމު ޑައިރެކްޓްކުރާ ކަމާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ބުނެފަ އެވެ. އަދި އޭނާ އަށް އެ ފިލްމު ޑައިރެކްޓްކުރުމުގެ ހުށަހެޅުން ވެސް ލިބިފައިނުވާ ކަމަށް ބުނެފަ އެވެ.

މި ފިލްމުގައި ސަލްމާނާއެކު ފެނިގެންދާނެ ބަތަލާ އަދި ޔަގީންވެފައިނުވާއިރު ކުރީ ދެ ފިލްމުގައި ފެނިގެންދިޔަ ބަތަލާ ސޮނާކްޝީ ސިންހާ މި ފިލްމުގައި ފެނިގެންދާނެކަން ނުވަތަ ނޫންކަން އަދި ޔަގީނެއްނުވެ އެވެ. ސަލްމާނާ އެކު ދެ ބަތަލާއެއް މި ފިލްމުގައި ފެނިގެންދާނެ ކަމުގެ އަޑުތަކެއް ވެސް މީގެކުރިން ވަނީ އަރާފަ އެވެ.